ފައިނުގެ ފެނާއި ނަރުދަމާގެ މަަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ރ. ފައިނުގައި އެމްޑަބްލިއުއެސްސީ އިން ކުރިޔަށް ގެންދާ މަޝްރޫއުގެ ތެރެއިން. -- ފޮޓޯ/އެމްޑަބްލިއުއެސްސީ

މާލެ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރ. ފައިނުގައި ކުރިޔަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތްތައް ކަމަށެވެ. ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ވެސް ފައިނަށް ވަނީ ގެންގޮސްފައެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތުގައި މާޅޮހުގައި 5.38 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުން ހިމެނެއެވެ. މި މަޝްރޫއާއެކު ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ވެސް ފޯރުކޮށްދެވޭނެކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގައި ފައިނުގައި 5.06 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކްއެއް ގާއިމްކުރުމާއި 943 މީޓަރުގެ ޕަމްޕިން ލައިން އެޅުމާއި ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި ތިން ޕަމްޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެއެވެ.

އެމްޑަބްލިއުއެސްސީއިން ބުނިގޮތުގައި ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު އެ ކުންފުނިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ޖުމްލަ އަގަކީ 63.1 މިލިއަން ރުފިޔާ އެވެ. އަދި މަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ.

comment ކޮމެންޓް