އެމެރިކާ އުޅެނީ އެހެންގައުމުތަކަށްވުރެ މާމަތީ ގައުމެއް ކަމަށް ދެކި ބޮޑާވެގަނެގެން: ޗައިނާ

ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ

ބެއިޖިންގް (އޮގަސްޓް 03): އެމެރިކާއަކީ އެހެންގައުމުތަކަށްވުރެ މާމަތީ ގައުމެއް ކަމަށް އަމިއްލައަށް ދެކި ބޮޑާވެގަނެގެން ކަމަށް ޗައިނާއިން ބުނެފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ވެންޑީ ޝާމެން ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް ދެއްވި ބަޔާނެއްގައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ ވިދާޅުވީ އެމެރިކާ އުޅެނީ އެމެރިކާއަކީ އެހެންގައުމުތަކަށްވުރެ މާމަތީ ގައުމަކަށްވެގެން އެހެންގައުމުތަކުގެ ކުށްދައްކައި ކުރަންވާ ކަންތައްތަކާއި ނުކުރަންވާ ކަންތައްތައް އަންގައި އަމުރުކުރާ ސްޕަވައިޒަރކަށްވެގެންކަމަށާ ނަމަވެސް ޗައިނާމެދެ އެގޮތަށް ކަންތައް ކުރުމުގެ ފުރުސަތު އެމެރިކާއަށް ނުދޭނެކަމުގައެވެ.

އެމެރިކާއަކީ އެހެންގައުމުތަކަށްވުރެ މާމަތީ ގައުމެއް ކަމަށް އެމެރިކާ އަމިއްލައަށް ދެކިގެން އުޅުނު ނަމަވެސް ހަގީގަތް އޮތީ އެގޮތަށް ނޫންކަމަށާ އެމެރިކާއަކީ ބޮޑާވެގަނެގެން އުޅޭވަރަށްވުރެ އިޖްތިމާއީ ފޭރާންދަށް އަދި އެތެރެއިން ބަލިކަށިވެފައިވާ އަދި އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތަކުން ފުރިގެންވާ ގައުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ މީގެކުރިން އެމެރިކާ އާ ދެކޮޅަށް ޗައިނާ ދައްކާ ވާހަކަތަކެއް ނޫނެވެ. ނަމަވެސް މިފަހަކަށް އައިސް އެމެރިކާ މާބޮޑަށް ޗައިނާއާ ދިމާކޮށް ޗައިނާ ވަށާލުމަށް، ޖަޕާނާއި އިންޑިއާއާއި އޮސްޓްރޭލިއާ ގުޅިގެން ގްރޫޕް ހަދައިގެން މަސައްކަތްކުރަމުން ގެންދާތީ ޗައިނާވެސް ވަނީ އެމެރިކާއާ ދިމާކޮށް އެމެރިކާގެ ކުށްދައްކައި އެމެރިކާ ފަޟީހަތް ކުރުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ.

މިދިޔަ ޖުލައިމަހު އެމެރިކާއާއި ޗައިނާއާ ދެމެދު ބޭއްވި މަޝްވަރާތަކުގައި އެމެރިކާގެ ވަފްދުން ޗައިނާގެ ކަންކަމަށް ފާޑުކިޔަން ފެށުމުން ޗައިނާގެ ވަފްދުންވެސްވަނީ އެމެރިކާގައި ނަސްލީ އިމްތިޔާޒް އޮންނަ މައްސަލައާއި އެމެރިކާ މަދުއަދަދެއްގެ މަހުޖަނުން މުޅި އެމެރިކާ ކޮންޓްރޯލް ކުރާ މައްސަލައާއި އެމެރިކާގައި ފަގީރުން ގިނަވާ މައްސަލައާއި އެމެރިކާގެ އާންމު ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަމުގެ ނިޒާމު ނޯންނަ މައްސަލަފަދަ އެމެރިކާގެ ބަލިފައި ތަކުގެ ވާހަކަތައް ދައްކައި އެމެރިކާގެ ބޭޒާރު ކޮށްލާފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ވެންޑީ ޝާމެން ގެ ދަތުރުފުޅަށް އިޝާރާތް ކުރައްވައި ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ބޮޑާކަމާއެކު އެހެންގައުމުތަކުގެ ކުށްދައްކައި ދުނިޔޭގެ ވެރިއަކަށް އަމިއްލައަށް ވެގެން އެމެރިކާ އުޅޭއުޅުން ޗައިނާ ގަބޫލުނުކުރާނެކަމުގައެވެ.

އެމެރިކާ ކިތަންމެ ބާރުގަދަނަމަވެސް އަދި އެހެން ގައުމުތަކުގެ މައްޗަށް ގަދަވެގަނެ ބޮޑާކަމާއި ތަކައްބުރުކަން ދެއްކިނަމަވެސް އެމެރިކާއަކީވެސް އެހެން ގައުމުތަކެކޭ އެއްގޮތަށް މައްސަލަތަކުން ފުރިގެންވާ ގައުމެއްކަމާއި އެހެންގައުމުތަކުން ފާޑުކިޔާނެ އެތަށް ކަމެއް އެމެރިކާގައިވެސް އެބަހުރި ކަމަށް ޗައިނާގެ ޚާރިޖި ވަޒީރު ވިދާޅުވިއެވެ.

މިމޭރުމުން ވަހަކަ ދައްކަވަމުން އެހެން ގައުމުތަކަށް އިހްތިރާމް ކުރަން އެމެރިކާ ދަސްކުރަން ޖެހޭކަމަށް ޗައިނާގެ ޚާރިޖި ވަޒީރު ވިދާޅުވިއެވެ. (ގްލޯބަލް ޓައިމްސް)

ގުޅޭ ޓެގު
comment ކޮމެންޓް