ބީއެމްއެލް ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމުގެ ތިންވަނަ ބުރު ފަށައިފި

މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށްގެން ބީއެމްއެލްއިން ކުރިއަށްގެންދާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ތިންވަނަ ބުރު ފަށައިފި އެވެ.

އެ ޕްރޮގްރާމުގެ ތިންވަނަ ބުރު ފަށާފައިވަނީ 15 ބައިވެރިންނާއެކުގަ އެވެ.

އެ ޕްރޮގްރާމަކީ ދަރިވަރުންނާއި ދަސްވެނިން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމު އަމާޒުކޮށްފައި ވަނީ "ބީއެމްއެލް ޕްރޮސްޕެކްޓް"ގައި ބައިވެރިވެފައިވާ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށެވެ.

ބާރަ މަސް ދުވަހުގެ މި އިންޓާންޝިޕް ޕްރޮގްރާމަށް ހޮވުނު ފަރާތްތަކަށް ބޭންކުގެ އެކިއެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ބޭންކުގެ ތަޖްރިބާހުރި ސީނިއާ މުވައްޒަކު "މެންޓާ"އެއްގެ ގޮތުގައި ކޮންމެ އިންޓާންއަކަށް ވެސް ކަނޑައަޅަ އެވެ.

ހަމައެއާއެކު ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެންދެ އެވެ.

ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމު ފެށީ 2018ވަނަ އަހަރުގަ އެވެ.

comment ކޮމެންޓް