އަނގޮޅިތީމު ބަނދަރު މަސައްކަތުގެ 50 ޕަސެންޓު ނިންމައިފި

ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު --- ފޮޓޯ: އެމްޓީސީސީ

ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ 50 ޕަސެންޓް މަސައްކަތް ނިންމައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ޖޫން މަހުގެ 24 ވަނަ ދުވަހު ނިމިފައިވާކަމަށެވެ.

އަދި މިހާރު ކުރިއަށްދާ ޕޭމަންޓް ހެދުމުގެ މަސައްކަތުގެ 55 ޕަސެންޓް މަސަައްކަތްވެސް ނިމިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 91 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ އިތުރުން 1،110 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ މަސައްކަތްވެސް ކުރާނެކަމަށް އެ ކުންފުނިން ބުންޏެވެ.

ހަމައެއާއެކު ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫގެ ދަށުން ކުރުމަށް ހަމެޖެހިފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫކީ 40.7 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާއި ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

comment ކޮމެންޓް