ފުޓުބޯޅައިގެ ހުރިހާ ކާމިޔާބީއެއް އައްޒާމް ހާއްސަ ކުރީ ކާފައަށް

ސްކޫލް ދައުރުގައި އައްޒާމް (މެދުގައި) ކުޅުނު މުބާރާތެއްގައި އޭނާގެ ކާފައާއެކު ---

ދަނޑުމަތީގައި ކީޕަރުކަން ފިޔަވައި އެހެން ހުރިހާ މަގާމަކަށް ވެސް ހެޔޮވަރު "ފުޅިމެދު އުނގުރި" އެއް ފަދަ ކުޅުންތެރިންނަކީ ފުޓުބޯޅައިގައި މަދުން ނޫނީ ނުފެންނަ ކުޅުންތެރިންނެވެ. އެކަމަކު ރާއްޖޭގެ ގައުމީ ލީގުގައި ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ކުޅުނު މުހައްމަދު އައްޒާމް އަކީ އެފަދަ ހާއްސަ ކުޅުންތެރިއެކެވެ.

ކަނާތު ވިންގެއްގެ ގޮތުގައި ބީޖީ ސްޕޯޓްސް ކުލަބުން ބޮޑު ފުޓުބޯޅައަށް ފައި މަޅައިގެން އިރު ފުޓުބޯޅަ ކެރިއަރު އެ ނިންމާލީ އެންމެ ފަހަތުގައި ހުންނަ ކުޅުންތެރިޔާގެ މަގާމުން ފެށިގެންގޮސް ޓީމުގެ ބޮންތީގައި ވެސް ހިފައިގެން ކުޅެފަ އެވެ.

ގިނަ ކޯޗުންތަކެއްގެ ފެވަރިޓަކަށް އައްޒާމް ވަނީ ވެސް އެ ސަބަބުތަކަށްޓަކައެވެ. ބޭނުންވާ ކޮންމެތާކަށް ވެސް ކުޅެވުމާއި، ކޯޗުންގެ އިރުޝާދަށް ބޯލަނބާ އަހުލާގު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ މަޝްހޫރުކަން ހޯދައިފަ އެވެ. ފުޓްސަލްއަށް ބެލިޔަސް، ބޮޑު ފުޓުބޯޅައިގައި ވެސް އޭނާގެ ހުނަރަކީ މުޅި ރާއްޖެ ޝައުގުވެރިކުރުވާ ކުޅުމެއްގެ ވެރިއެކެވެ. އެހެން ނަމަވެސް އައްޒާމް މިހާރު ވަނީ ޕްރޮފެޝަނަލް ފުޓުބޯޅަ، ފުޓްސަލް ކުޅުން ހުއްޓާލައިފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީ --- ފޮޓޯ/ އެފްއޭއެމް

"ފުޓުބޯޅަ ކެރިއަރުގައި ހާސިލް ކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލް ވެއްޖެ. އަޅުގަނޑުގެ ފުޓުބޯޅަ ކެރިއަރު ފެށި ޓީމާ އެކު ޗެމްޕިއަނެއްގެ ގޮތުގައި ކުޅުން މި ހުއްޓާލީ. އަޅުގަނޑުގެ ކެރިއަރުގައި މިއަދާ ހަމައަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން," އައްޒާމް ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން ބުންޏެވެ.

ނ. ކެނދިކުޅުދުއަށް އުފަން އައްޒާމް އޭނާގެ ފަހު މުބާރާތުގެ ތަށި، ރޭ އުފުލާލުމަށްފަހު ފުޓުބޯޅަ ކުޅުން ހުއްޓާލި އިރު، އޭނާ އަކީ ކުޅުންތެރިއެއްގެ ގޮތުގައި ރަށާއި، އަތޮޅު އަދި ގައުމީ ފެންވަރުގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ވެސް ރަން މެޑަލް މަހާލި ކުޅުންތެރިއެކެވެ. އެ ހުރިހާ ލެވެލްއެއްގައި ވެސް ކުޅެ، މޮޅު ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދި އެވެ.

"އަޅުގަނޑުގެ ފުޓުބޯޅަ ކެރިއަރު މިހާހިސާބަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު. ހާއްސަކޮށް އަޅުގަނޑުގެ އާއިލާއާއި، މަންމަ އަދި ބައްޕައަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަދި އެއާ އެކު އަޅުގަނޑު ފުޓުބޯޅައިން ލިބުނު ހުރިހާ ކާމިޔާބީއެއް ޑެޑިކޭޓް ކޮށްލާނީ އަޅުގަނޑުގެ ކާފަ [ކެނދިކުޅުދޫގެ ކުރީގެ ކަތީބް، އަލް މަރްހޫމް އާދަމް ޝަމީމް] އަށް،"

ކްލަބް މޯލްޑިވްސް ކަޕްގައި ވާދަ ކުރާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ

ކުޅިވަރުގެ އާއިލާއަކަށް އުފަން އައްޒާމް ފުޓުބޯޅައިން ހޯދި ބޮޑެތި ކާމިޔާބީތަކުގެ ކުރިން ކާފަ ނިޔާވި ނަމަވެސް ފުޓުބޯޅައިން ކުރިއަށް ދިއުމަށް ކާފަ އެންމެ ކުޑައިރުން ފެށިގެން ދިން ހިތްވަރާއި، ސާބަސް ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް އައްޒާމް ބުންޏެވެ.

ޓީސީ ސްޕޯޓްސް ކުލަބާ އެކު ބަންގާޅުގައި ކުރިއަށް ދިޔަ ޝެއިޙް ކަމާލް ކަޕުގެ ޗެމްޕިއަން ކަން ހޯދުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށް އައްޒާމް ބުނެފައިވެ އެވެ. އެ މުބާރާތުގެ ފައިނަލުގައި އޭނާ ވަނީ ގޯލެއް ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

"ފުޓުބޯޅަ ކެރިއަރުގައި އެންމެ އުފާވި އެއް ދުވަހަކީ ޝޭޙް ކަމާލް ކަޕު ކާމިޔާބު ކުރެވުނު ދުވަސް. އަސްލު އަޅުގަނޑުގެ ވެސް ބޮޑު ހިއްސާއެއް އޮވެގެން ކާމިޔާބުކުރެވުނީމަ ކަންނޭންގެ އެހެންވީ. ދެން އެންމެ އުފާވަނީ ކެނދިކުޅުދޫއަށް އަތޮޅު މުބާރާތުގެ ތަށި ލިބުނު ދުވަސް،"

ޔޫވީއާ ދެކޮޅަށް ކުޅުނު މާލޭ ލީގު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޓީސީގެ އައްޒާމް: މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ޓީސީއަށް ތިން ޕޮއިންޓް ކަށަވަރުވީ އައްޒާމް ޖެހި ލަނޑުން --- ފޮޓޯ/ އެފްއޭއެމް

"އެންމެ ދެރަވީ 2016 ވަނަ އަހަރު އޮތް ޝިޔާމް މައުރޫފް ކަޕުގެ ފައިނަލުން ބަލިވެގެން. އެ އަހަރަކީ ފުޓުބޯޅައިގެ އެންމެ ހިތްދަތި އަހަރު. ފަހު ވަގުތު ލީގު ގެއްލި، ޕްރެޒިޑެންޓް ކަޕުގެ ފައިނަލުން ވެސް ބަލިވީ. ޗުއްޓީގައި ރަށަށް އައިސް ފައިނަލުން ބަލިވުމުން ވަރަށް ރޮވުނު،"

މިދިޔަ ސީޒަނުގެ ފުރަތަމަ ބުރުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އައްޒާމް ވަނީ ޓީސީ ސްޕޯޓްސް ކުލަބް ފުރަތަމަ ޑިވިޝަން އަށް ކޮލިފައިވުމާ އެކު އެކުލަބާ ގުޅި މިއަދާ ހަމައަށް ޓީސީ ދިވެހި ފުޓުބޯޅާގައި ހޯދާފައިވާ ކާމިޔާބީތަކުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ރާއްޖޭގެ އޮފީސް މުއައްސަސާތަކުގެ މުބާރާތް (ކުލަބް މޯލްޑިވްސް) އިން ވިދާލި އައްޒާމް ފުރަތަމަ އިން ބޮޑު ފުޓުބޯޅައަށް ނުކުތުމަށް ފަހު ގުޅުނީ މާޒިޔާއާ އެވެ. ނަމަވެސް އެ ކުލަބުގައި މާ ގިނަ ދުވަސް އޭނާ ކުޅެފައެއްނުވެ އެވެ. އޭނާގެ ފުޓުބޯޅައިގެ ހުނަރުވެރިކަން ފެނި ގިނަ ބައެއްްގެ ލޮލުގައި އޭނަގެ ކުޅުން އަޅައިގަތީ ބީޖީ ސްޕޯޓްސް ކުލަބާ ގުޅުނު ހިސާބުންނެވެ.

comment ކޮމެންޓް