އިޔާޒުގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ޓްރައިބިއުނަލުން އަމުރުކޮށްފި

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި އަދާކުރައްވަމުން ގެންދެވި އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާއިން ވަކިކުރި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އޭނާ ހުންނެވި މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ޔުނިވާސިޓީއަށް އަމުރުކޮށްފިއެވެ.

ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންނާއި ހަރުކަށި ފިކުރަށް ހިތްވަރު ދޭ ފަދަ ޒާތަކަށް އަމަލު ކުރަމުން ގެންދިއުމުން ކަމަށް އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީޕް ކުރިން "ސަން"އަށް ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން އިޔާޒް ވަނީ އޭނާގެ ޓްވިޓާގައި އަންހެނުން ހިތާނުކުރުމުގެ މައުޟޫއާ ގުޅޭ އެކި ލިޔުންތައް އާންމުކޮށްފައެވެ. އެކަމާ ގުޅިގެން އިޔާޒަށް ގިނަ ބަޔަކު ފާޑު ކިޔަމުން ދިޔަ އިރު, އޭނާއާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅި އެވެ.

ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން މީގެ ކުރިން ޑރ. އިޔާޒް ވަޒީފާއިން ސަސްޕެންޑުވެސް ކޮށްފައިވެ އެވެ.

ޑރ. އިޔާޒަކީ ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އާންމުން ކުރާ ދީނީ ސުވާލުތަކަށް ޖަވާބުދެއްވާ ބޭފުޅެކެވެ.

comment ކޮމެންޓް