ސައުދީގެ ކޮވިޑް ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކަށް ދާ ރައްޔިތުން ދަތުރު ކުރުން މަނާ ކުރަނީ

ސައުދީ އަރަބިއާއިން ވަނީ ކޮވިޑް-19އާ ގުޅުން ހުރި ދަތުރުފަތުރު ގަވާއިދުތަކާ ހިލާފުވާ މީހުންނަށް ބޮޑު އަދަބުތައް ދޭނެ ކަމަށް ބުނެފަ -- ފޮޓޯ: އޭއެފްޕީ

ރިޔާޒް (ޖުލައި 31): ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ސައުދީ އަރަބިއާއިން ރެޑް ލިސްޓުކޮށްފައިވާ ގައުމުތަކަށް ގަވާއިދާ ހިލާފަށް ދަތުރުކުރާ އެގައުމުގެ ރައްޔިތުން ސައުދީން ބޭރަށް ފުރައިގެން ދިޔުން ތިން އަހަރަށް މަނާ ކުރާނެކަން އިއުލާންކޮށްފިއެވެ.

ސައުދީ ދައުލަތުގެ މީޑިއާ އެސްޕީއޭއިން ރިޕޯޓު ކުރި ގޮތުގައި އެގައުމުން ރެޑް ލިސްޓުގައި ހިމަނާފައި ވަނީ ކޮވިޑް-19އިގެ ކޭސްތައް ގިނަވަމުން ދިޔުމުގެ ސަބަބުން އެގައުމުން ދަތުރު ނުކުރަން އަންގާފައިވާ ގައުމުތަކެވެ. އެ ލިސްޓުގައި މިހާރު ޔުނައިޓެޑް އެރެބް އެމިރޭޓްސް، ލީބިޔާ، ސީރިއާ، ލުބުނާން، ޔަމަން، އީރާން، ތުރުކީ، އަރުމީނިއާ، އިތިއޯޕިއާ، ސޯމާލިއާ، ކޮންގޯ، އަފްގާނިސްތާން، ވެނެޒުއޭލާ، ބެލަރޫސް، އިންޑިއާ އަދި ވިއެޓްނާމް ހިމެނެއެވެ.

އެސްޕީއޭގައިވާ ގޮތުން އެ ގައުމުތަކަށް ސައުދީގެ ރައްޔިތުން ދިޔުން މަނާކޮށްފައި އޮތް ނަމަވެސް ބައެއް މީހުން އެގަވާއިދާ ހިލާފުވާ ކަމުގެ ރިޕޯޓުތައް ކަމާ ބެހޭ އިދާރާތަކަށް ވަނީ ލިބިފައެވެ.

އެސްޕީއޭއިން ސައުދީގެ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ބުނި ގޮތުގައި އެ ގަވާއިދާ ހިލާފުވާ މީހުން ސައުދީން ބޭރަށް ފުރައިގެން ދިޔުން ތިން އަހަރަށް މަނާ ކުރާނެއެވެ. އަދި އެމީހުން ބޮޑު އަދަދަކުން ޖޫރިމަނާވެސް ކުރާނެއެވެ.

"ދަތުރު ކުރުން މަނާ ގައުމުތަކަށް ދިޔުމަކީ ސައުދީން އިއުލާންކޮށްފައިވާ ކޮވިޑް-19އާ ގުޅުން ހުރި ދަތުރުފަތުރާ ބެހޭ ގަވާއިދުތަކާއި އިރުޝާދުތަކާ ހިލާފު ކަމެއް. އެ ގަވާއިދާ ހިލާފުވާ މީހުން އެކަމަށް ޒިންމާކޮށް ހަރުކަށި އަދަބު ދޭނެ،" އެސްޕީއޭގެ ރިޕޯޓުގައިވެއެވެ.

ސައުދީން މިހާތަނަށް 522،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 8،200 މީހަކު މަރުވެފައިވެއެވެ.

comment ކޮމެންޓް