ބާސެލޯނާ، ރެއާލް އަދި ޔުވެންޓަސް އަދިވެސް ސުޕަލީގުގެ އުންމީދުގައި

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ޔޫރަޕުގެ ގަދަބާރުތަކުން އެކުވެގެން ފަށަން އުޅުނު ޔޫރަޕިއަން ސުޕަ ލީގުގައި ވާދަކުރަން ނިންމާފައި އޮތް ކުލަބުތަކުގެ ތެރެއިން މިހާތަނަށް ވަކިނުވެ އޮތް ތިން ކުލަބު ކަމަށްވާ ބާސެލޯނާ، ރެއާލް މެޑްރިޑް އަދި ޔުވެންޓަސްއަށް ޔޫއެފާއިން އަދަބު ނުދެވޭނެ ކަމަށް ކޯޓުން ނިންމައިފި އެވެ.

ސްޕެއިނުގެ ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމާ އެކު ސުޕަ ލީގުގެ އުންމީދު އައުވެއްޖެ ކަމަށް ވަކިނުވެ އޮތް ތިން ކުލަބު ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. އެ ކުލަބަތަކުން އެ ބަޔާނުގައި ޔޫއެފާއިން ބާއްވާ މުބާރާތްތަކަކީ ވަކި ބަޔަކު ނާޖައިސް ފައިދާ ހޯދަން "މޮނޮޕޮލީ" ގެ އުސޫލުން ކުރިއަށް ގެންދާ ޖަރީމާއެއް ކަމަށް ވެސް ތުހުއްމަތު ކޮށްފަ އެވެ.

ފުޓުބޯޅައިގެ މައި އިދާރާތަކުގެ އިންޒާރުތަކަށް ބެލުމެއް ނެތި ޔޫރަޕުގެ 12 ކުލަބަކުން ސުޕަ ލީގުގެ މަޝްރޫއު އިއުލާން ކުރީ މިދިޔަ އޭޕްރީލް މަހު އެވެ. އެ 12 ޓީމުގެ ތެރޭގައި އިނގިރޭސިވިލާތަށް ނިސްބަތްވާ ހަ ކުލަބު ކަމަށްވާ، މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، ޗެލްސީ، ޓޮޓެންހަމް އަދި އާސެނަލް ހިމެނުނެވެ. ދެން އިތުރަށް އޮތީ ސްޕެއިނުގެ ރެއާލް މެޑްރިޑާއި، ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް އަދި އިޓަލީގެ ޔުވެންޓަސް، އޭސީ މިލާންގެ އިތުރުން އިންޓަ މިލާނެވެ.

މި ލީގު ވުޖޫދުވިތާ މާގިނައިރުތަކެއް ނުވަނީސް ކުލަބުތަކުގެ ސަޕޯޓަރުންގެ ފާޑުކިޔުންތަކާއި، އެހެނިހެން ޕްރެޝަރުތަކާ ހެދި ބައެއް ކުލަބުތަކުން ވަނީ ލީގުން ވަކިވެފަ އެވެ. އެގޮތުން ސުޕަ ލީގު ދޫކޮށްލިކަން އެންމެ ފުރަތަމަ ރަސްމީކޮށް އިއުލާނުކުރި ކްލަބަކީ ސިޓީ އެވެ. އޭގެ ފަހުން ދެން އޮތް އިނގިރޭސި ފަސް ކްލަބުން ވެސް ކުރީ އެވެ.

އެހެން ނަމަވެސް މިހާތަނަށް ވަކި ނުވެ އޮތް ތިންކުލަބުގެ މައްސަލަ ޔޫއެފާއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ އިރު، އެ ކުލަބުތަކަށް އަދަބު ދޭނެކަން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

"މިއަދު ކޯޓުން ނިންމި ނިންމުމަށް ބާސެލޯނާއާއި، ރެއާލް މެޑްރިޑް އަދި ޔުވެންޓަސްއިން މަރުހަބާ ކިޔާ. މި ނިންމުމުން އިނގިގެން ދަނީ ސުޕަ ލީގަށް ތާއީދު ކުރިކުލަބުތަކުން ގޯހެއް ނުހަދާކަން. އަދި އެކަމުގެ ސަބަބުން ޔޫއެފާއިން ކުލަބުތަކަށް އެއްވެސް އަދަބެއް ނުދެވޭނެކަން،" ތިން ކުލަބު ގުޅިގެން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސްޕެއިން ކޯޓުގެ މި ނިންމުން ދެން އިތުރަށް ބަލާނީ ލަކްޒެންބާގުގައި ހުންނަ ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްއިންނެވެ.

comment ކޮމެންޓް