ޗައިނާގެ ޚާރިޖީ ވަޒީރު ތާލިބާނުންނާ ބައްދަލުކުރެއްވުމުން ދުޝްމަނުންނަށް ސިހުން

ތާލިބާނުން ޗައިނާގައި

ޓިއާންޖިން (ޖުލައި 30): ތާލިބާނުން ގެ ވަފްދަކާ ޗައިނާގެ ޚާރިޖީ ވަޒީރު ބައްދަލުކުރެއްވުމުން އެޖަމާއަތުގެ ދުޝްމަނުންނަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ބައްދަލުކުރުމަށްފަހު ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަނީ އަފްޣާނިސްތާނަށް ސުލްހަ ގެނައުމުގައި ތާލިބާނުންގެ އެއްބާރުލުން މުހިންމު ކަމަށާ ތާލިބާނުންގެ އެއްބާރުލުން ނެތި އަފްޣާނިސްތާނަށް ސުލްހަ ނުގެނެވޭނެކަމަށް ބުނެފައެވެ.

އެވުޒާރާއިން މިހެން ބުނީ ތާލިބާނުންގެ ޚާރިޖީ ކަންތައްތަކާބެހޭ އެންމެ އިސް ވެރިޔާ މުއްލާ އަބްދުލްޣަނީ ބަރަދާރު އާ ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ ބައްދަލުކުރެއްވުމާ ގުޅިގެން ޗައިނާ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައެވެ. މިއީ ތާލިބާނުންގެ ވަފްދަކާ ޗައިނާގެ ޚާރިޖީ ވަޒީރު ފަދަ އެގައުމުގެ އިސްބޭފުޅަކު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މިބަޔާނުގައި ތާލިބާނުން އަފްޣާނިސްތާނުގައި ސިޔާސީ އިޖާބީ ދައުރެއް އަދާކުރާތަން ފެންނަމުންދާކަމަށް ބުނެ އެކަމަށް ހިއްވަރު ދީފައިވެއެވެ. އަދި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށް ކުރަމުންގެންދާ މަސައްކަތް ކާމިޔަބު ކުރުމަށްޓަކައި ތާލިބާނުންނާ އަފްޣާން ސަރުކާރު އެއްގަލަކަށް އެރުވުމަށް ޗައިނާއިން މަސައްކަތްކުރާކަންވެސް ހާމަކޮށްފައިވެއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ތާލިބާނުންގެ ޚާރިޖީ ކަންތައްތަކާބެހޭ އިސްވެރިޔާއާ ބައްދަލުކުރައްވަނީ

ތާލިބާނުންގެ ޚާރިޖީ ކަންތައްތަކާބެހޭ އެންމެ އިސް ވެރިޔާ މުއްލާ އަބްދުލްޣަނީ ބަރަދާރު ޗައިނާއަށް ވަޑައިގެންފައިވަނީ ތާލިބާނުންގެ މަތީފެންވަރުގެ ވަފްދަކާއެކުގައެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީވަނީ އެގައުމުގެ ޓިއާންޖިން ސިޓީގައި އެވަފްދާ ބައްދަލުކުރައްވާފައެވެ. ތާލިބާނުންގެ މިފެންވަރުގެ ވަފްދެއް ޗައިނާއަށް ދިޔުމުންނާއި ޗައިނާގެ ޚާރިޖީ ވަޒީރު އެވަފްދާ ބައްދަލުކުރެއްވުމުން އަފްޣާން ސަރުކާރަށާއި ތާލިބާނުންގެ ދުޝްމަން އިންޑިއާއަށް ސިހުން ލިބިފައިވާ ކަމަށާ ޕާކިސްތާން އެކަމާ ހިތްހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ތާލިބާނުންވަނީ ޗައިނާ އަކީ އަފްޣާނިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަ ރަހްމަތްތެރި އަދި ސުލްހަވެރި އަވަށްޓެރިއެއްކަމަށް ސިފަކޮށް އަފްޣާނިސްތާނުގެ ފަރާތުން ޓެރަރިޒަމްގެ އެއްވެސް ނުރައްކަލެއް ޗައިނާއަށް އައުމާ ދެކޮޅަށް އެޖަމާއަތުން މަސައްކަތްކުރާނެކަމުގެ ޖާމިނުވުން ޗައިނާ ސަރުކާރަށް ދީފައެވެ.

ތާލިބާނުން އަސްކަރީ ގޮތުން ބަލިކުރުމަށް އެމެރިކާ ނުކުޅެދިފައިވާއިރު އެމެރިކާ ސިފައިންގެ 95 އިންސައްތަ އަފްޣާނިސްތާނުން ވަނީ މިހާރު ފައިބާފައެވެ. މިއާއެކު އަފްޣާނިސްތާނުގެ ބޮޑުބައެއްވަނީ ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައެވެ. އެމެރިކާ އަފްޣާނިސްތާނުން ފޭބުމުގެ ކުރިން އަފްޣާން ސަރުކާރާއި ތާލިބާނުން އެއްގަލަކަށް އަރައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިނުކުރެވިއްޖެނަމަ ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ތާލިބާނުން އަފްޣާން ސަރުކާރު ވައްޓާލައި އަފްޣާނިސްތާނުގެ ވެރިކަމަށް އެޖަމާއަތް އަންނާނެކަމަށް އަސްކަރީ ތަޖްރިބާކާރުން އަންދަޒާ ކުރެއެވެ.

އެހެންކަމުން އެމެރިކާ، ރަޝިއާ، ޗައިނާ، އީރާން އަދި ގަތަރުން ގެންދަނީ އަފްޣާން ސަރުކާރާއި ތާލިބާނުން އެއްގަލަކަށް އަރުވައި އެދެފަރާތުން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުވުމަށް މަސައްކަތް ކުރަމުންނެވެ. ތާލިބާނުން މިދިޔައަހަރުވަނީ އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ތާލިބާނުންނަކީ ކުރިން ބައިނަލްއަގްވާމީ މުޖްތަމައާ ވަރަށް އެކަހެރި ސިޔާސަތެއް ގެންގުޅުނު އަސްކަރީ ޖަމާއަތެއްކަމަށް ވިޔަސް ތާލިބާނުން މިހާރު ގެންދަނީ އެކަހެރިކަން ދޫކޮށް އަފްޣާނިސްތާނުގެ އަވަށްޓެރި ގައުމުތަކާ އަދި ދުނިޔޭގެ ބޮޑެތި ބާރުތަކާ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ސިޔާސީ ދައުރެއް އަދާކުރުމަށްވެސް ތާލިބާނުން ގެންދަނީ އިސްކަން ދެމުންނެވެ. ކުރިން ތާލިބާނުން ގުޅުންތައް ބޭއްވީ ހަމައެކަނި ސައޫދީ އަރަބިއާއާއި ޔޫއޭއީ އަދި ޕާކިސްތާނާއެވެ.

އިނގިރޭސިވިލާތުންވެސްވަނީ އެކަހެރިކަން ދޫކޮށް ބައިނަލްއަގްވާމީ އުސޫލުތަކަށް ތާލިބާނުން ތަބައާވާނަމަ ތާލިބާނުން ބަލައިގަންނާނެ ކަމަށް ބުނެފައެވެ. ތާލިބާނުން މިހާރުވަނީ އެޖަމާއަތުން ދުޝްމަނެއްގެ ގޮތުގައި ކުރިން ބެލި އީރާނާވެސް ގާތްގުޅުންތަކެއް ގާއިމްކޮށްފައެވެ. ދާދި ފަހުން ތާލިބާނުންގެ އިސް ވަފްދެއް މޮސްކޯ އަށް ގޮސް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާވެސްވަނީ ބައްދަލުކޮށްފައެވެ.

comment ކޮމެންޓް