ފިނޭގެ ބޮޑު ބަޔަކަށް ސޯލާ ހަކަތައިން ކަރަންޓު ދޭ މަޝްރޫއުގެ ފައުންޑޭޝަން އަޅައިފި

ހދ. ފިނޭއަށް ސޯލާ ހަކަތަ ބޭނުންކޮށްގެން ކަރަންޓު ހިދުމަތުގެ ފޯރުކޮށްދޭން ގާއިމުކުރާ ނިޒާމުގެ މަސައްކަތުގެ ބިންގާ އެޅުން. ފޮޓޯ/އެންވަޔަރަންމެންޓް މިނިސްޓްރީ

ހދ. ފިނޭއަށް ސޯލާ ހަކަތަ ބޭނުންކޮށްގެން ކަރަންޓު ހިދުމަތުގެ ބޮޑު ބައެއް ފޯރުކޮށްދޭން ގާއިމުކުރާ ނިޒާމުގެ މަސައްކަތުގެ ފައުންޑޭޝަން އަޅައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ފިނޭގައި ކުރިޔަށްގެންދާ މި މަސައްކަތުގައި އެ ރަށުގައި ކަރަންޓު ބޭނުންކުރާ މިންވަރުގެ 60 ޕަސަންޓު ފޯރުކޮށްދޭނީ ތިމާވެއްޓާ ރައްޓެހި ސޯލާ ހަކަތަ ބޭނުންކޮށްގެންނެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން ފިނޭގެ ކަރަންޓު ހިދުމަތުގެ ބޮޑު ބައެއް ސޯލާ ހަކަތައިން ފޯރުކޮށްދޭނީ 297.26 ވަޓް ޕީކްގެ ސޯލާ ޕީވީ ސިސްޓަމެއް ބޭނުންކޮށްގެންނެވެ. ވަޓް ޕީކް އަކީ އެ ނިޒާމު މެދުވެރިކޮށް އެންމެ ގިނަ އަދަދަކަށް ކަރަންޓު ފޯރުކޮށްދެވޭނެ މިންވަރެވެ.

އެ ނިޒާމުގެ ދަށުން ބެޓަރީ އެނާޖީ ސްޓޮރޭޖް ސިސްޓަމް (ބީއީއެސްއެސް) އަދި އެނާޖީ މެނޭޖްމެންޓް ސިސްޓަމް (އީއެމްއެސް) އެއްވެސް ގާއިމުކުރާނެކަމަށް މިނިސްޓްރީއިން ބުންޏެވެ.

ބިންގާ އެޅުމުގެ ގޮތުން އެ ނިޒާމުގެ މަސައްކަތަށް ބޭނުންވާ މައުންޓިންގް ސްޓްރަކްޗާ މިހާރު ފިނޭގައި ވަނީ ގާއިމުކޮށްފައެވެ.

ހދ. ފިނޭގައި ގާތްގަނޑަކަށް 500 އެއްހާ މީހުންގެ އާބާދީއެއް އޮވެއެވެ.

comment ކޮމެންޓް