އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމާ ޕީޕީއެމަށް

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ޕީޕީއެމަށް ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ ( މުހައްމާ) ޕީޕީއެމަށް ސޮއިކުރައްވައިފިއެވެ.

އޭނާ ޕާޓީއަށް ސޮއިކުރައްވާފައިވަނީ މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.

މުހައްމަދު މަޖިލިސް މެމްބަރުކަމަށް އިންތިހާބު ވެވަޑައިގެންފައި ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. އެއަށްފަހު އޭނާ ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ. ނަމަވެސް ވަކި ހިސާބަކުން ޕީޕީއެމާ ހިޔާލުތަފާތުވެ މުހައްމާ ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވެސް މުހައްމާ ވާދަކުރެއްވިއެވެ. ނަމަވެސް ޕްރައިމަރީ ކާމިޔާބު ކުރެއްވީ އިހަވަންދޫ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުހައްމާ ވިދާޅުވީ އޭނާ އަލުން އެ ޕާޓީއަށް ވަނުމަށް ގިނަ ފަރާތްތަކަކުން ހިތްވަރު ދިން ކަމަށެވެ. އަދި ޕާޓީއިން ވަކިވުމަކީ ހެދުނު އެންމެ ބޮޑު ގޯސްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ރައީސް ޔާމީންގެ ކިބައިން. މި ޕޯޑިއަމްގައި ހުއްޓުމަށް ހިތްވަރު ލިބުނީތީ އެކަމާ އަޅުގަނޑު އުފާކުރަން،" މުހައްމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ގައުމު މި އޮތް ހާލަތުން ސަލާމަތްކުރުމަށް ކޮންމެހެންވެސް މަސައްކަތްކުރަން ޖެހޭކަމަށެވެ.

comment ކޮމެންޓް