ޗައިނާއިން އެގައުމުގައި ދެވަނަ ނިއުކްލިއާ މިސައިލް ބޭސްއެއް ހަދަމުންދާ ކަމަށް އެމެރިކާގެ އެނަލިސްޓުން ބުނެފިއެވެ.
ފެޑެރޭޝަން އޮފް އެމެރިކަން ސައިންޓިސްޓްސް (އެފްއޭއެސް) ގެ އެނަލިސްޓުން ބުނީ ޗައިނާގެ ނިއުކްލިއާ ހަތިޔާރު ފުޅާކުރުމަށް ނިއުކްލިއާ ބޭސްގެ މަސައްކަތް ކުރިއަށްދާ ކަމަށް ސެޓަލައިޓް ފޮޓޯ ތަކުން ދައްކަމުން އަންނަ ކަމަށެވެ.
އެނަލިސްޓުން ބުނީ އެމީހުންނަށް މި ބޭސް ހަދަމުންދާކަން އެނގިފައިވަނީ ސެޓެލައިޓް ފޮޓޯ ތަކެއް ދިރާސާ ކުރަމުން ދަނިކޮށްކަމަށެވެ.
ޒިންޒިއަންގް ޕްރޮވިންސްގައި އޮންނަ ހާމި ސިޓީ ކައިރީގައި އޮތް ހުސް ބިމެއްގައި ހަދަމުންދާ މި މިސައިލް ބޭސްގައި ގާތްގަނޑަކަށް 110 ނިއުކްލިއާ މިސައިލް އެއްފަހަރާ ލޯންޗު ކުރުމުގެ ގާބިލްކަން ހުންނާނެއެވެ.
އަދި މި ބޭސް ހަދާ ނިމުމުން ޗައިނާއަށް ރަޝިޔާ އާއި އެމެރިކާއަށް ވުރެ ގިނަ މިސައިލް ލޯންޗު ކުރުމުގެ ބާރު ލިބިގެންދާނެއެވެ.
"ޗައިނާގެ އަސްކަރިއްޔާއިން މިހާރު ބިނާ ކުރަމުންދާ ނިއުކްލިއާ ބޭސްއާއެކު ރަޝިޔާއިން ބޭސްއަކުން އޮޕެރޭޓް ކުރެވޭ މިސައިލް ތަކަށްވުރެ ގިނަ އަދަދެއްގެ މިސައިލް ޗައިނާއަށް އޮޕެރޭޓް ކުރެވޭނެ. އަދި އެމެރިކާގެ މުޅި އައިސީބީއެމް ފޯސްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަވާނެ" އެފްއޭސްގެ އެނަލިސްޓުން ބުންޏެވެ.
މީގެ ކުރިން އެތައް އަހަރެއް ވަންދެން ޗައިނާއިން އޮޕަރޭޓް ކުރަމުންދިޔައީ 20 މިސައިލް ލޯންޗް ކުރުމުގެ ޖާގައެކެވެ.
މިހާރު ނިއުކްލިއާ ބޭސް ހަދަމުންދާ ބިމުގެ ޖާގައަކީ 380 ކިލޯމީޓަރެވެ. މިއާ އެކު މިފަހުން ޗައިނާއިން ހަދަމުންދާ އެހެން ނިއުކްލިއާ ބޭސްތަކުގެ ޖާގައާ އެކު ޖުމްލަ 250 މިސައިލް އޮޕަރޭޓް ކުރެވޭ ވަރުވާނެއެވެ.