މޭ ހައެއް ހަމަލާއާ ގުޅިގެން ހައިޝަމްއަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

މޭ ހަވަނަ ދުވަހު ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ އަލީ ހައިޝަމް -- ފޮޓޯ/ ޕޮލިސް

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އަލީ ހައިޝަމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ހުށަހެޅި މައްސަލަ ޕީޖީ އޮފީހުން ބަލައިގަނެފިއެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ ދިހަ މީހުން ބަންދުގައި ތިބިއިރު އޭގެ ތެރެއިން ހައިޝަމް އަކީ ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި އެކަކުކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މޭ ހައެއް ހަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާ މައްސަލައެއް ޕީޖީ އޮފީހުން ބަލައިގަނެފައިވާކަމަށް ވިދާޅުވެފައެވެ.

ޕީޖީ ޝަމީމް "ސަން" އަށް ވިދާޅުވީ މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދިނުމަށް އަންނަ ހަފްތާތެރޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.

ބެލެވޭ ގޮތުގައި އެ މައްސަލައިގައި ޕީޖީއިން ދައުވާކުރުމާމެދު ވަކި ގޮތެއް ނިންމައި އެކަން އެ ބައްދަލުވުމުގައި ހާމަކުރާނެއެވެ.

ހަމަލާއާއި ގުޅިގެން ހައިޝަމް ހިމެނޭ ގޮތަށް މިހާރު ޖުމްލަ ފަސް މީހެއްގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އޮފީހުގައި ފުލުހުން ވަނީ އެދިފައެވެ.

ދައުވާކުރަން މައްސަލަ ފޮނުވާފައިވާ މީހުންނަކީ:

  • ވ. ތިނަދޫ، ހިޔާ, އަދުހަމް އަހުމަދު ރަޝީދު
  • މއ. ފޭރުގެ، މުޖާޒު އަހުމަދު
  • ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު
  • ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު
  • ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް،

ކވ. އަދުހަމް އަހްމަދު ރަޝީދު، ތަހުމީނު އަހްމަދު، މުޖާޒް އަހްމަދު، އަހުމަދު ފާތިހު

ހަމަލާގައި ބައިވެރިވަކުމުގެ ތުހުމަތުގައި ދެން ބަންދުގައި ތިބި މީހުންނަކީ:

  • ކ. މާލެ، ކުދެހިގެ، އިސްހާގު
  • ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ
  • އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް
  • ހއ. މުޅަދޫ، ބަހާރުގެ، އަބްދުﷲ އަލި މަނިކު
  • ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް

-- ފޮޓޯ/ޕޮލިސް

މޭ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ އެމަނިކުފާނުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިޑީއެއް ހަރުކޮށްގެން ގޮއްވާލައިގެން ދިން ހަމަލާއެކެވެ.

ތުހުމަތުކުރެވޭ މީހުން ތިބީ ޖާނުންފިދާވެގެންވެސް ރައީސް ނަޝީދަށް ހަމަލާދޭން ތައްޔާރަށްކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އަދި ރައީސް ނަޝީދަކީ ލޭ ހުއްދަ މީހެއްކަމަށް އެމީހުން ދެކޭކަމަށާއި އަދި އޭގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ހަމަލާދޭން އެމީހުން މަސައްކަތްކުރިކަމަށް ފުލުހުން ބުންޏެވެ.

ހަމަލާ ދިނުމުގައި ހަރަކާތްތެރިވި ބައެއް މީހުން ބަންދުގައި ތިބެގެން އިއުތިރާފް އެއްބަސްވުން ހަދަން އެދިފައިވާކަމަށް ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް