އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ހަދިޔާކޮށްފި

އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ހަދިޔާ ކުރަނީ. -- ފޮޓޯ/ޓްވިޓާ

އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ހަދިޔާކޮށްފިއެވެ.

އޮސްޓްރޭލިއާ ސަރުކާރުން މި ތަކެތި ހަދިޔާ ކުރީ ސްރީލަންކާގައި ހުންނަ އެގައުމުގެ ހައި ކޮމިޝަން މެދުވެރިކޮށް އިއްޔެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އޮސްޓރޭލިއާއިން ހަދިޔާކުރި މި ސާމާނަށްޓަކައި އެގައުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ސާމާނުގެ ސަބަބުން ރާއްޖޭގައި ކޮވިޑް-19ގެ ކޭސް ދަނެގަނެ ހުއްޓުވަން ފަސޭހަވެގެންދާނޭކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 ގެ ހާލަތުގައި އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ އެހީތެރިކަމަށްޓަކައިވެސް ޝުކުރު އަދާކޮށްފައެވެ.

އޮސްޓްރޭލިއާއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ޕީޕީއީ ކެޕޭސިޓި އިތުރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ރާއްޖޭގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް އެގައުމުން ވަނީ އެހީތެރިވެފައެވެ.

އިއްޔެ ހަދިޔާކުރި ތަކެއްޗާއެކު ކޮވިޑް-19 އާ ދެކޮޅަށް އެހީތެރިވުމަށްޓަކައި އެގައުމުން މިހާތަނަށް ވަނީ ނުވަ މިލިއަން ރުފިޔާ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ.

comment ކޮމެންޓް