ޗައިނާއާ ދެކޮޅަށް މަސައްކަތްކުރުމަށް ޓަކައި އެމެރިކާގެ ދިފާއީ ވަޒީރު ދެކުނު އިރުމަތީ އޭޝިއާއަށް

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން

ވޮޝިންޓަން (ޖުލައި 27) : ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ އެއްބާރުލުން ހޯދުމަށްޓަކައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ސިންގަޕޫރު، ވިއެޓްނާމް އަދި ފިލިޕީންސަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) ބުނިގޮތުގައި ލޮއިޑް އޮސްޓިން ގެ މިދަތުރުފުޅުގެ ބޭނުމަކީ ޗައިނާއާ ދެކޮޅަށް އެމެރިކާ ކުރާ މަސައްކަތްތަކުގައި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ އެއްބާރުލުން ހޯދުމާއި ޗައިނާއާ ދެކޮޅަށް އެގައުމުތައް އެއްބައިވަންތަކޮށް އެކަތިގަނޑަކަށް ހެދުމެވެ.

މިއީ ސީދާ ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ހިއްވަރުދީ ޗައިނާއާ ދެކޮޅަށް އެގައުމުތައް އެކަތިގަނޑަކަށް ހެދުމުގެ މަގްސަދުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން މިހާ ފާޅުކަންބޮޑު ގޮތެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

ދެކުނު ޗައިނާ ކަނޑުގެ ބޮޑުބައެއްގެ މިލްކުވެރިކަމަށް ޗައިނާ ދައުވާކުރާއިރު އެކަނޑަށް އައްސޭރިވާގޮތަށް އޮންނަ އެހެން ގައުމުތައް ކަމަށްވާ ވިއެޓްނާމް، ފިލިޕީންސް އަދި މެލޭޝިއާއަކީ މިމައްސަލާގައި ޗައިނާއާ ޚިޔާލު ތަފާތު ގައުމުތަކެވެ. އެހެންކަމުން މި "ބާގަނޑު"ގެ ބޭނުންކޮށްގެން މިގައުމުތައް ޗައިނާއާ ދެކޮޅަށް ނެރެވިދާނެކަމުގެ އުންމީދު އެމެރިކާ ކުރަމުން ގެންދެއެވެ.

އަނެއްކޮޅުން ޗައިނާގެ އަވަށްޓެރި ވިއެޓްނާމްއަކީ ޒަމާނުއްސުރެ އެކިކަންކަމުގައި ޗައިނާއާ ވަރަށް ވާދަވެރި ގައުމެކެވެ. ވިއެޓްނާމުގައި އޮންނަނީ ޗައިނާގައި އޮންނަފަދަ ކޮމިއުނިސްޓް ވެރިކަމެއް ނަމަވެސް އެއީ ޗައިނާއާ ވާދަވެރި ގައުމަކަށްވާތީ އިންސާނީ ހައްގުތަކުގެ މައްސަލާގައި ވެސް އަދި ޑިމޮކްރަސީގެ މައްސަލާގައިވެސް އެމެރިކާއިން އެއްވެސް ވަރަކަށް ވިއެޓްނާމަށް ފާޑެއް ނުކިޔައެވެ. ނަމަވެސް އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި އެމެރިކާ ގެންދަނީ ވިއެޓްނާމާ އެއްފަދަ ކޮމިއުނިސްޓް ނިޒާމެއް އޮންނަ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެމެރިކާ ދެކޭގޮތުގައި ދުނިޔޭގެ ބޮޑުބާރުގެ ހައިސިއްޔަތު އެމެރިކާއަށް ގެއްލޭނީ ހަލުއިކަމާއެކު ކުރިއަރަމުން ދާ ޗައިނާގެ އިގްތިސާދީ ބާރުވެރިކަމާއި ޗައިނާގެ ޓެކްނޮލޮޖީގެ ސަބަބުންނެވެ. އެހެންކަމުން އިގްތިސާދީ ބާރުވެރިކަމުގެ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންނާއި އަސްކަރީ ބާރުވެރިކަމާއި ސްޓްރެޓީޖިކް ގޮތުން އެމެރިކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާ ކަމަށް ނިންމައި ޗައިނާއާ ދިމާކުރުމުގެ ސިޔާސަތެއް އެމެރިކާ މިހާރުވަނީ ގެންގުޅެން ފަށާފައެވެ.

މިކަމަށްޓަކައި އެމެރިކާ ގެންދަނީ ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ހުޅަނގުގެ ހަ ގައުމާއި ޖަޕާން ހިމެނޭ އިއްތިހާދު ކަމަށްވާ ޖީ7ގެ ސަމިޓްތަކުގައާއި އެމެރިކާއާއި ޔޫރަޕްގެ އަސްކަރީ އިއްތިހާދު ކަމަށްވާ ނޭޓޯ ސަމިޓްތަކުގައިވެސް ޗައިނާއާ ކުރިމަތިލުމަށްޓަކައި އެގައުމުތަކުގެ އެހީތެރިކަމަށް އެދި މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އެމެރިކާ ވަނީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ބާރުކަމަށްވާ އިންޑިއާ ހިމަނައިގެން ޖަޕާނާއި އޮސްޓްރޭލިއާ އާއެކު ކުއެޑް ގްރޫޕްގެ ނަމުގައި ޗައިނާއާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތެއްވެސް އެކުލަވާލާފައެވެ. މިޖަމާއަތުގައި ބައިވެރިވުމަށް ސްރީލަންކާއަށް އެމެރިކާ ދިން ދައުވަތު އެގައުމުން ގަބޫލެއް ނުކުރިއެވެ. ނަމަވެސް އިންޑިއާއަކީވެސް ޗައިނާގެ އިގްތިސާދީ އެހީއަށް ބަރޯސާވާން ޖެހޭ ހާލަތުގައި އޮތް ގައުމެކެވެ.

އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ޗައިނާއާއެކު އިގްތިސާދީ ބޮޑު އިއްތިހާދެއްގައި މިދިޔައަހަރު ވަނީ ސޮއިކޮށްފައެވެ. އަދި އެމެރިިކާ ޚިލާފަށް ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދުތަކުގައާއި ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތުސާދުގައިވެސް ޗައިނާގެ ބައިވެރިވުމާއި ހިއްސާ ވަރަށް ބޮޑެވެ. އެހެންކަމުން ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރުމަށް މިގައުމުތައް މާބޮޑަށް ނެރުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްނޫންކަމަށް އޮބްޒާވަރުން ދެކެއެވެ.

comment ކޮމެންޓް