އައިއެސްއާ ގުޅުން ހުރި ނިއުޒީލެންޑުގެ އަންހެނަކަށް ގައުމަށް ދާން ހުއްދަ ދީފި

އައިއެސްއާ ގުޅުން ހުރި ނިއު ޒިލެންޑުގެ އަންހެނަކަށް އެނބުރި ގައުމަށް ދެވޭނެ ކަމަށް އެގައުމުން ބުނޭ -- ފޮޓޯ: އޭއެފްޕީ

ވެލިންޓަން (ޖުލައި 26): އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މެމްބަރެއް ކަމަށް ތުހުމަތުކޮށް، ތުރުކީން ހިފަހައްޓާފައިވާ ނިއުޒީލެންޑުގެ އަންހެނަކާއި އޭނާގެ ދެ ދަރިންނަށް އެނބުރި ގައުމަށް ދާން ހުއްދަ ދީފިއެވެ.

ނިއުޒީލެންޑުން އެގައުމަށް ދާން ހުއްދަ ދީފައިވާ 26 އަހަރުގެ އަންހެން މީހާ އަކީ އެގައުމުގެ އިތުރުން އޮސްޓްރޭލިއާގެ ރަށްވެހިކަންވެސް މީގެ ކުރިން އޮތް މީހެކެވެ. ނަމަވެސް 2014ގައި އޭނާ ސީރިއާއަށް ދިޔަ ފަހުން އޮސްޓްރޭލިއާއިން ވަނީ އެއީ "ގައުމުގެ ދުޝްމަނެއް" ކަމަށް ބުނެ އޭނާގެ ރަށްވެހިކަން އަތުލާފައެވެ.

ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން ވަނީ އޮސްޓްރޭލިއާގެ އެ ފިޔަވަޅަށް ފާޑު ވިދާޅުވެފައެވެ. އަދި އެ އަންހެން މީހާގެ އުމުރުގެ ބޮޑުބައެއް ހޭދަ ކުރީ އޮސްޓްރޭލިއާގައި ކަމުން އޭނާ އެނބުރި ދާން ފުރުސަތު ދޭންވީ އެގައުމުން ކަމަށް ވިދާޅުވެފައެވެ.

އެ އަންހެން މީހާ އާއި އޭނާގެ ދެ ކުދިން މިއަހަރުގެ ކުރީކޮޅު ސީރިއާއިން ތުރުކީއަށް ވަންނަން އުޅުމުގެ ތެރޭގައި ތުރުކީން ވަނީ، އެ އަންހެން މީހާ އަކީ އައިއެސްގެ މެމްބަރެއް ކަމަށް ބުނެ އެ އާއިލާ ހިފަހައްޓާފައެވެ. އަދި އެމީހުން މިހާރު ތިބީ އެގައުމުގެ ޑިޓެންޝަން ސެންޓަރެއްގައެވެ.

"އެ [އާއިލާއަކީ] ތުރުކީގެ ޒިންމާއެއް ނޫން އަދި އޮސްޓްރޭލިއާއިން އެމީހުން ގެންދަން ދެކޮޅު ހެދުމުން، އެއީ އަޅުގަނޑުމެންގެ ޒިންމާއެއް،" އާޑާން ވިދާޅުވިއެވެ.

އާޑާން ވިދާޅުވި ގޮތުގައި އެ އަންހެން މީހާ ނިއުޒީލެންޑަށް ގެންދާ އިރު އެގައުމުގެ ރައްޔިތުންނަށް ނުރައްކާ ނުވާނެ ގޮތަށް ފިޔަވަޅު އަޅާނެއެވެ. އަދި އޭނާ އެނބުރި ދިޔުމުން ތަހުގީގެއް ހިންގުމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ ގައުމުގެ ފުލުހުންނެވެ.

comment ކޮމެންޓް