އަލިފާނުގެ ސަބަބުން އެމެރިކާއަށް ހަނދު ފެނުނީ އޮރެންޖު ކުލައިން

އެމެރިކާގެ ރޭގެ ހަނދު- ފޮޓޯ: ޔާހޫ ނިއުސް

އެމެރިކާގެ ޖަންގަލިތަކުގައި ހަލުއިކަމާއެކު މިހާރު ފެތުރެމުންދާ އަލިފާންތަކުގެ ސަބަބުން އެގައުމުގެ އިއްޔެ ހަނދު ފެނުނީ ތަފާތު ގޮތަކަށެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ފުރިހަމަ ހަނދު ނުވަތަ ފުލްމޫންއަށް އެމެރިކާގައި ކިޔަނީ "ބަކް މޫން"އެވެ. އެގޮތަށް ކިޔަނީ ޖުލައި މަހަކީ އެމެރިކާގައި އުޅޭ ދަޅުފީނި ފުއްލާތަކުގެ ދަޅުފީނިތައް ނުވަތަ "އެންޓްލާ"ތައް އެންމެ ރީތިވެ, ފުރިހަމަވާ މަސް ކަމުގައި ވާތީއެވެ.

އާންމު ގޮތެއްގައި ރީތި ކުދު ކުލައިން ފެނިގެންދާ ޖުލައި މަހުގެ ފުލްމޫން ރޭ ފެނުނީ އޮރެންޖު ނުވަތަ ރަތް ކުލައަކުންނެވެ. ގިނަ ބަޔަކަށް ރޭގެ ހަނދު ރީތިވި ނަމަވެސް މިކަން މިގޮތަށް ހިނގީ ނުރައްކާތެރި ކަމެއް މެދުވެރިވެގެންނެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާގެ ބައެއް ސަރަހައްދުތަކަށް އޮރެންޖު ކުލައިން ފެނުނީ އެމެރިކާގެ އެކި ޖަލްގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންތަކުގެ ސަބަބުންނެވެ. ތަފާތު 80 ހިސާބެއް މިވަގުތު ރޯވެ އަނދަމުން ދާ އިރު, ހަނދުގެ ކުލަ ބަދަލުވާން މެދުވެރިވީ އޭގެ ސަބަބުން ޖައްވުގެ ތެރެއަށް ފެތުރުނު ދުމާއި އަޅީގެ ސަބަބުންނެވެ.

އެމެރިކާގައި މިހާރު ހިނގަމުންދާ އަލިފާނެއްގެ ތަސްވީރެއް- ފޮޓޯ؛ ސީއެންއެން

މިހާތަނަށް މި ނުރައްކާތެރި އަލިފާންތަކުގައި އެމެރިކާގެ އެކި ސަރަހައްދު ތަކުން އެއްމިލިއަން އޭކަރަށްވުރެ ގިނަބިމުގެ ސަރަހައްދު އަނދާފައިވެއެވެ. އެގޮތުން އޮރެގަންގައި މިހާރު ހިފައިފައިވާ އަލިފާނަކީ 1900 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމެރިކާގައި ރިކޯޑް ކުރެވިފައިވާ އެންމެ ބޮޑު އަލިފާނެވެ.

އޮރެގަންގެ އިތުރުން ކެލިފޯނިއާ, މޮންޓާނާ އަދި އައިޑަހޯ ސްޓޭޓުގައިވެސް އަލިފާން ރޯވެ އަނދަމުން ދެއެވެ.

ހަނަވަސްކަމުގެ ސަބަބުން އޮރެގަން ސްޓޭޓުގެ ޕޯޓްލެންޑް ސިޓީގެ 250 މޭލު ދެކުނުގައި ރޯވެ އުފެދުނު ބޮޑު އަލިފާންގަނޑު މިހާރު ވަނީ 400,000 އޭކަރުގެ ސަރަހައްދުގައި ރޯވެފައެވެ. އަދި އޮރެގަންއާއި ކެލިފޯނިއާ ބޯޑަރު ކައިރީގައި ހުރި ސަރަހައްދެއްގައި އަލިފާން ފެތުރި, މީހުން ދިރިއުޅެމުން ދިޔަ 67 ގެދޮރު ވަނީ އަނދައި ގޮސްފައެވެ.

comment ކޮމެންޓް