ނަޝީދަށް ހަމަލާދިން މައްސަލާގައި ހިމެނޭ ބައެއް މީހުން އިއުތިރާފު އެއްބަސްވުން ހަދަން އެދިއްޖެ

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ބަޔަކު އިއުތިރާފްގެ އެއްބަސްވުން ހަދަން ދައުލަތާއެކު ވާހަކަދައްކަމުންދާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ 10 މީހުންގެ ތެރެއިން ބައެއް މީހުން މިހާރު އިއުތިރާފުގެ އެއްބަސްވުމަކަށް ވާހަކަަދައްކަމުން ދާކަމަށެވެ. އެއީ ހައްޔަރުކޮށްފައިތިބި މީހުންގެ ތެރެއިން ކޮންބައެއްކަމެއް ޕީޖީ ޝަމީމް ހާމައެއް ނުކުރެއެވެ.

"މި މައްސަލައިގައި މިހާތަނަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ބައެއް މީހުން އިއުތިރާފްގެ އެއްބަސްވުން ހަދަން އަޅުގަނޑުމެންނާ ވާހަކަދައްކަމުން އެބަދޭ،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

މޭ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެމީހުންނަކީ:

- ހިޔާ، ވ. ތިނަދޫ، އަދުހަމް އަހުމަދު ރަޝީދު
- މއ. ފޭރުގެ، މުޖާޒު އަހުމަދު
- ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު
- ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު
- ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް،
- ކ. މާލެ، ކުދެހިގެ، އިސްހާގު
- ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ
- އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް
- ހއ. މުޅަދޫ، ބަހާރުގެ، އަބްދުﷲ އަލި މަނިކު
- ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް

ޝަމީމް ވިދާޅުވީ އަދި އިއުތިރާފްގެ އެއްބަސްވުމުގައި ދައުލަތުން ގޮތެއް ނުނިންމާ ކަމަށެވެ. އަދި ގޮތެއް ނިންމާނީ ދިރާސާކުރުމަށްފަހު އެމީހުންގެ ފަރާތުން ލިބެނި ކިހާ މުހިންމު މައުލުމަތެއްތޯ އަދި ހަމަލާގެ އަސްލަށް ވާސިލުވާން ލިބެނީ ކިހާބޮޑު އެހީތެރިކަމެއްތޯ ބެލުމަށްފަހުކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވިގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އިއުތިރާފްގެ އެއްބަސްވުމުގެ މަރުހަލާއެއް އޮވެއެވެ. އަދި އެއީ ޖިނާއީ އަދުލުގެ ނިޒާމަށްވެސް ލުއިތަކެއް ލިބި، މުޅި ތަހުގީގަށްވެސް ލުއިތަކެއް ލިއްބައިދޭ މަރުހަކާއެއްކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އިއުތިރާފްގެ އެއްބަސްވުމުގައި ދިރާސާކުރުމަށް ފަހު، ދެން އޮންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާ ކުރާނެކަމަށެވެ.

comment ކޮމެންޓް