ހަމަލާދިން މީހުން ގަބޫލުކުރަނީ ނަޝީދަކީ ދީނުން ބޭރުވެފައިވާ، ލޭ ހުއްދަ މީހެއް ކަމަށް: ފުލުހުން

ކވ. އަދުހަމް އަހްމަދު ރަޝީދު، ތަހުމީނު އަހްމަދު، މުޖާޒް އަހްމަދު، އަހުމަދު ފާތިހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާދިން މީހުން ގަބޫލުކުރާ ގޮތުގައި އެމަނިކުފާނަކީ އިސްލާމްދީނުން ބޭރުވެފައިވާ، ލޭ ހުއްދަ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ ހަމަލާދިން މީހުންގެ ވިސްނުމާއި ގަބޫލުކުރުންތަކުގައި ރައީސް ނަޝީދަކީ އިސްލާމްދީނާއި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ލޭހުއްދަވެފައިވާ މީހެއް ކަމަށް އެމީހުން ކަނޑައަޅާފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އެ ހަމަލާދިން މީހުންނަކީ އައިއެސްގެ ފިކުރަށް ތާއީދުކުރާ ރާއްޖޭގައި އައިސްގެ ފިކުރު ފަތުރަން އުޅޭ ބައެއް ކަމަށެވެ.

"މި މީހުން އެހެން މީހުންނަށް ބަޔާންކޮށްދެނީ، ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން އެއްވެސް ތައުލީމެއް ހާސިލުކޮށްފައިނުވާ އަމިއްލައަށް ދީނީ އިލްމުވެރިންގޮތުގައި ދެކިގެން ފަތުވާ ނެރޭ ފަރާތްތައް ކަމާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތާއި އިސްލާމީ ފިގުހީ ގާއިދާތައް އެމީހުންގެ ތަސައްވުރާއެއްގޮތަށް މާނަކޮށް ތަރުޖަމާކޮށް ތަރުޖަމާކޮށް އެހެން މީހުންނަށް ބަޔާންކޮށްދީ ފަނާކުރަނިވި މިފަދަ އަމަލުތަކަށް މީހުން ލަންބުވައި ހިތްޖައްސުވަން މަސައްކަތް ކުރުވަމުންދާކަން މި ތަހުގީގުން ފާހަގަވޭ،" ރިޔާޒް ވިދާޅުވިއެވެ.

ނަޝީދަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި މީހުންގެ މައްސަލަ މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

comment ކޮމެންޓް