އުރީދޫގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތެއްކަމަށްވާ "އުރީދޫ އަތޮޅު ދުވުން" ވާޗުއަލް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް އުރީދޫއިން ބުނެފިއެވެ.
އުރީދޫ އިން ބުނީ މިއަހަރުގެ ދުވުމަކީވެސް ހާއްސަ ހަރަކާތަކަށް ވެގެންދާނެކަމަށެވެ. އެގޮތުން މިއަހަރުގެ ދުވުމުގައި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރުގެ ކެޓެގަރީއަށް ރެޖިސްޓާވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
މި ދުވުމަކީ، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެއްކަމަށް އުރީދޫއިންވަނީ ބުނެފައެވެ. އެގޮތުން ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް، އޯގަސްޓް އެކަކާއި ހަތަކާ ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެއެވެ.
ރާއްޖޭގައި ބޭއްވުނު ފުރަތަމަ ނޭޝަންވައިޑް ވާޗުއަލް ރަން "އުރީދޫ އަތޮޅު ދުވުން" ފުރަތަމަ ފެށިގެންދިޔައީ މިދިޔަ އަހަރު އެކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ. އެގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން ފަސްހާހަށްވެރެ ގިނަ ބައިވެރިންވަނީ މިދިޔަ އަހަރުގެ ދުވުމުގައި ބައިވެރިވެފައެވެ.