އޯގަސްޓް އިންޓޭކަށް އެމްއެންޔޫއިން ޓީޗިންގެ ގިނަ ކޯސްތަކަކަށް ފުރުސަތު ހުޅުވާލައިފި

ގައުމީ ޔުނިވާސިޓީން ދަސްވެނިި ދަރިވަރަކަށް މިނިސްޓަރު ޑރ. އައިޝަތު އަލީ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ --- ފައިލް ފޮޓޯ: އެމްއެންޔޫ

ކުރިއަށް އޮތް އޯގަސްޓް އިންޓޭކަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ޓީޗިންގެ ޑިގްރީ އަދި މާސްޓާޒްގެ ގިނަ ކޯސްތަކަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަނުގެ ޑީން މަރިޔަމް ފިޒާނާ ރަޝީދު "ސަން" އަށް ވިދާޅުވީ މި ކޯސްތަކަކީ ޓީޗީންގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ކޯސްތަކެއްކަމަށެވެ. އަދި ރާއްޖޭގެ ކަންކޮޅުތަކުގައި ގިނަ ވަޒީފާތަކެއް ހުރުމާއެކު އެ ޔުނިވާސިޓީގެ އަމާޒަކީ ދިވެހީން އެ ވަޒީފާތަކަށް ތަމްރީނުކޮށްދިނުން ކަމަށްވެސް ފިޒާނާ ވިދާޅުވިއެވެ.

މި ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު އެ ޔުނިވާސިޓީގެ އެކި ކެމްޕަސްތަކުން ލިބިގެންދާނެއެވެ. އެގޮތުން ހިތަދޫ، ލ. ގަން، ތިނަދޫ އަދި ކުޅުއްދުއްފުށިންވެސް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

"މިއީ ހަމަ އެންމެ ރަނގަޅު ފުރުސަތު ޓީޗީން ހަދައި ރަށަށް ހިދުމަތްކުރަން ދާން. ދެން ހަމަ މިއާއެކު އެމްއެންޔޫއިން ވަނީ ގައުމު ބިނާ ކުރާ ސްކޮލަޝިޕްގެ ނަމުގައި ސްކޮލަޝިޕެއްވެސް ތައާރަފްކޮށްފައި." ފިޒާނާ ވިދާޅުވިއެވެ.

މިފަހަރުގެ ސްކޮލަޝިޕް ހާއްސަކުރެވިފައިވަނީ ޓީޗިންގެ ދާއިރާއަށްކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ. ސްކޮލަޝިޕް ގެތެރެއިން 30 ޖާގަ ވަނީ ދޫކުރުމަށް ހަމަޖެހިފައެވެ. އަދި މި ސްކޮލަޝިޕްގައި ކިޔަވާއިރު ޓިއުޝަން ފީ ހިލޭ ވާނެކަމަށާއި އެލަވަންސެއްގެ ގޮތުގައި މަހަކު 5،000 ރުފިޔާ ލިބިގެންދާނެކަމަށް އެމްއެންޔޫއިން ބުނެއެވެ.

ހަމައެއާއެކު ފުރަތަމަ ކޯސް ފަށާއިރު ގަންނަންޖެހޭ ފޮތްތައް ގަތުމަށްވެސް 5،000 ރުފިޔާ ދަރިވަރަށް ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ. އަދި ސްކޮލަޝިޕްގެ ފުރަތަމަ މަހުގައި އެސްޓެބްލިޝްމްންޓެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށާއި ދަނާލުގައި ހުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ. މި ކޯހަކީ ހަތަރު އަހަރުގެ މުއްދަތަކަށް ހިންގާ ފުލްޓައިމް ކޯސްތަކެކެވެ. މި ސްކޮލަޝިޕަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ސެޕްޓެމްބަރު ނުވައެއްގެ ނިޔަލަށެވެ.

މީގެ އިތުރުން އެ ޔުނިވާސިޓިގެ ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް އިން ކުރިޔަށް ގެންދާ ފައުންޑޭޝަން ކޯސްތަކަށް އެޕްލައިކުރުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލެވިފައިވާނެކަމަށް ފިޒާނާ ވިދާޅުވިއެވެ.

އެމްއެންޔޫ އޯގަސްޓް އިންޓޭކަށް އެޕްލައިކުރުމުގެ ފުރުސަތު އެ ޔުނިވާސިޓީ އިން ހުޅުވާލައިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯސްތަކަށް އެޕްލައިކުރުމަށް އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަނުގެ އެކި އިދާރަތަކަށް އޮންލައިންކޮށް ވެސް ހުށަހެޅޭނެއެވެ.

comment ކޮމެންޓް