އޭއެފްސީ ކަޕަށް ތައްޔާރުވާން މާޒިޔާ މިއަދު ސައުދީއަށް ފުރަނީ

ފެބްރުއަރީ 12، 2020: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތަކަށް ތައްޔާރުވާން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިރޭ ސައުދީ އަރަބިއްޔާއަށް ފުރަން ތައްޔާރުވެއްޖެ އެވެ.

ސައުދީ އަރައްބިއްޔާއިން ދިން ފުރުސަތެއްގައި އެފްއޭއެމުން މާޒިޔާއަށް ހޯދައިދިން މި ފުރުސަތާ އެކު މާޒިޔާއިން މިރޭ ދަތުރު ފަށާއިރު، އެ ޓީމުން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.

އޭއެފްސީން މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި މި ސަރަހައްދުގެ މެޗުތައް ކުޅޭނެ ގައުމަކަށް ރާއްޖެ ހަމަޖައްސާފައިވާ އިރު، އޭއެފްސީން މިހާރު ނިންމާފައިވާ ގޮތުން ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭނީ އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ.

އޭއެފްސީގެ މެޗުތަކަށް މާޒިޔާއިން ފަރިތަކުރުންތައް މި މަހުގެ ތެރޭގައި ފަށާފައިވާ އިރު، އެ ޓީމުން އަންނަނީ އެ މުބާރާތަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިން ހޯދަމުންނެވެ. އެގޮތުން ސުޕަ ޔުނައިޓެޑް (ސަސް) ގެ ކީޕަރަކަށް ކުޅުނު އުޒްބެކިސްތާންގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް މިހާރު ވަނީ އެކުލަބަށް ސޮއި ކޮށްފަ އެވެ.

މާޒިޔާ އިން ސައުދީގައި ކޭމްޕް ޖަހާއިރު، މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަހަށް ބަލާއިރު މާޒިޔާ އިން ސައުދީގައި ޓްރެއިނިން ކޭމްޕެއް ފުރިހަަމަކުރާނެ ދެ ވަނަ ފަހަރެވެ. އެ ޓީމުން ވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް އެފްއޭއެމުން ހޯދައިދިން ފުރުސަތެއްގައި ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ފުރިހަަމަކޮށްފަ އެވެ.

މާޒިޔާގެ އިތުރުން މި ވަގުތު ގްރޫޕް ސްޓޭޖުގައި އޮތީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. މި ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ރާއްޖޭގެ ކްލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅެގެން މޮޅުވާ ޓީމަކަށެވެ.

comment ކޮމެންޓް