2022 ގެ ފަހުކޮޅުން ފެށިގެން ކޮވިޑް-19 ގެ ނުރައްކާ ދުނިޔޭގައި ކުޑަވެގެންދާނެ: ފަރަންސޭސި ތަޖްރިބާކާރެއް

ޖީން ފްރެންކޮއިސް ޑެލެފްރައިޒީ

ޕެރިސް (ޖުލައި 24): އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއެންޓް ފަދަ ކޮވިޑް-19 ގެ ނުރައްކާތެރި ބައެއް ވޭރިއެންޓް އަދިވެސް ފެނިދާނެކަމަށާއި ނަމަވެސް 2022 ގެ ފަހުކޮޅުން ފެށިގެން ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔޭގައިވެސް ކުޑަވެގެންދާނެކަމަށް ފަރަންސޭސި ސަރުކާރަށް ލަފާދޭ ސިއްހަތާބެހޭ ތަޖްރިބާކާރެއް ކަމަށްވާ ޖީން ފްރެންކޮއިސް ޑެލްފްރައިޒީ ވިދާޅުވެއްޖެވެ.

ޕަބްލިކް ހެލްތާގުޅޭ ކަންކަމުގައި ފަރަންސޭސި ސަރުކާރަށް ލަފާދޭ ރަސްމީ މުއައްސަސާއެއް ކަމަށްވާ "ސައެންޓިފިކް ކައުންސިލް އޮފް ފްރެންޗް ގަވާމަންޓް" ގެ ރައީސް ޖީން ފްރެންކޮއިސް ޑެލްފްރައިޒީ ވިދާޅުވީ އަންނަ ނޮވެމްބަރު ޑިސެންބަރު އަދި ޖަނަވަރީގައި ދުނިޔޭގެ އުތުރުފަޅިއަށް އަންނަ ފިނި މޫސުމުގައި ކޮވިޑްގެ އައު ވޭރިއެންޓެއް އުފެދިދާނެކަމުގެ ބިރު އެބައޮތެވެ. މިކަމުގެ ނިޝާންތައް ދަނީ ފެންނަމުންކަމަށާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަކީ ކޮވިޑްގެ އައު ވޭރިއެންޓެއް އުފެދުމުގެ ފުރުސަތު އޮންނަ ހާލަތްތަކެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިއަހަރުގެ ފަހުކޮޅު ދުނިޔޭގެ އުތުރުފަޅިއަށް އަންނަ ފިނި މޫސުމުގައި އުފެދިދާނެކަމަށް ބެލެވޭ ކޮވިޑްގެ އައު ވޭރިއެންޓަކީ ޑެލްޓާ ވެރިއެންޓް ފަދަ ނުރައްކާތެރި ވޭރިއެންޓެއް ކަމަށް ބުނަން އަދި ދަތިކަމަށް ޑެލްފްރައިޒީ ވިދާޅުވިއެވެ. ފަރަންސޭސި ބީއެފްއެމް ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމުގައި ޑެލްފްރައިޒީ ވިދާޅުވީ ކޮވިޑްއާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންތައް ފުރިހަމަ ކުރުމުން ކޮވިޑް-19 ގެ ވޭރިއެންޓްތައް ހިމެނޭގޮތަށް ކޮވިޑް ކޮންޓްރޯލް ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތެވެ.

ނަމަވެސް މިކަމަށް އަދިވެސް އަހަރެއް ނުވަތަ ދޮޅުއަހަރުގެ މުއްދަތެއް ނަގާނެއެވެ އެހެންކަމުން ކޮވިޑް-19 އާދައިގެ ބައްޔެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ބެލެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2023 ވަނަ އަހަރު ގެ ކުރީކޮޅުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޑެލްފްރައިޒީ ވަނީ ކޮވިޑް-19 ގެ ވެކްސިން ޑޯޒުތައް ފުރިހަމަ ކުރިނަމަވެސް ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަށް ދެމެހެއްޓުމަށް ފަރަންސޭސި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. މިގޮތުން އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި އަތްދޮވުމާއި މާސްކު އެޅުމާއި ބޭނުން ކުރާތަކެތި ޑިސްއިންފެކްޓް ކުރުންފަދަ ކަންކަމަށް ފަރުވާކުޑަ ނުކުރުމަށް ފަރަންސޭސި ރައްޔިތުންނަށް އޭނާ ގޮވާލެއްވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް