އިންޑިއާގެ މަހާރަޝްތުރާއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުން 110 މަރު

މަހާރަޝްތުރާއަށް ބޯކޮށް ވާރޭ ވެހި، ގެތަކަށް ގެއްލުން ލިބުމުން ގިނަ އަދަދެއްގެ މީހުން ހާލުގައި ޖެހިފައިވޭ -- ފޮޓޯ: އެންޑީއާރުއެފް

ދިއްލީ (ޖުލައި 24): އިންޑިއާގެ ހުޅަނގުގައި އޮންނަ މަހާރަޝްތުރާ ސްޓޭޓަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 110 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެގައުމަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ގިނަ މީހުން މަރުވެފައި ވަނީ ފެންބޮޑުވުމުންނާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން މަހާރަޝްތުރާގެ ދެ ޑިސްޓުރިކްޓަކުންނެވެ.

އެ ހާދިސާތަކުގެ ސަބަބުން ގެތަކަށް ގެއްލުންވެ، ގިނަ އަދަދެއްގެ މީހުން މަގުމަތިވެފައިވެއެވެ. އަދި އެމީހުން ސަލާމަތްކޮށް، ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. ނަމަވެސް މުމްބާއީ އާއި ގޯއާއާ ދެމެދު އޮންނަ ހައިވޭ ފަދަ މަގުތައް ކުނިބުނީގެ ސަބަބުން ބަންދުވެފައި ވުމުންނާއި އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައި ވުމުން ސިފައިންގެ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ވަނީ ކުރިއަށް ދުވަސްތަކުގައިވެސް މަހާރަޝްތުރާގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބުނެ އެ ސަރަހައްދުތަކަށް ރެޑް އެލާޓް ނެރެފަ އެވެ.

ޖަރުމަނުގެ ޕޮޓްސްޑޭމް އިންސްޓިޓިއުޓް ފޯ ކްލައިމެޓް އިމްޕެކްޓް ރިސާޗްއިން އޭޕްރިލް މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޑިއާގެ މޫސުމީ ވިއްސާރައިގެ ތެރޭގައި ވާރޭ ވެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އަދި އޭގެ ސަބަބުން ދަނޑުވެރިކަމާއި އިގުތިސާދަށް ގެއްލުން ލިބޭނެ ކަމުގެ އިންޒާރު އެ އިންސްޓިޓިއުޓުން ވަނީ ދީފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް