ޓޯކިޔޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުންނަށް ތަރުހީބު ދިނުމަށްޓަކައި އެލައިޑް އިންޝުއަރެންސްއިން ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށައިފި އެވެ.
"ޝެއާ ފޮ ސަޕޯޓް"ގެ ނަމުގައި މިއަދު ފެށި އެ ކެމްޕޭން ކުރިއަށްދާނީ ފޭސްބުކްގަ އެވެ.
އެ ކެމްޕޭންގެ ދަށުން އެލައިޑްގެ ފޭސްބުކް ޕޭޖުން އޮލިމްޕިކް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުންނަށް ހާއްސަ ޕޯސްޓުތަކެއް ހިއްސާކުރާނެ އެވެ.
ކޮންމެ ޕޯސްޓެއްވެސް މި ކެމްޕޭނަށް ހާއްސަ ހޭޝްޓެގްތަކާއެކު (#ShareforSupport, #TeamMaldives, #AharumengeFaharu, #Olympics, #Tokyo2020 #StrongerTogether) ހިއްސާކުރުމުން ކެމްޕޭންގައި ބައިވެރިވުމާއެކު، މި ކެމްޕޭނަށް ހާއްސަ ލަކީޑްރޯގައިވެސް ބައިވެރިވެވޭނެ އެވެ.

ލަކީޑްރޯ ނެގުމަށް ހަމަޖެހިފައިވަނީ ދިވެހި އެތުލީޓުން ވާދަކުރާ ތިން ކުޅިވަރުންނެވެ. ކޮންމެ ކުޅިވަރަކުންވެސް ގުރުއަތުން ހޮވޭ ފަރާތަށް ޕިކްސީގެ ފަރާތުން ހުށަހަޅާފައިވާ 1000 ރުފިޔާގެ ޕްލާންޓް ވައުޗާއެއް ލިބޭނެ އެވެ.
ޕޯސްޓު ހިއްސާކުރުމުގެ ސުންގަޑިއަކީ ކޮންމެ އެތުލީޓެއްވެސް ވާދަކުރާ ކުޅިވަރުގެ ފައިނަލް ގޭމް އޮންނަ ދުވަހެވެ.
ކެމްޕޭންގައި އެލައިޑުން ފުރަތަމަ ހިއްސާކޮށްފައިވަނީ ބެޑްމިންޓަންގައި ރާއްޖޭގެ ފަރާތުން ވާދަކުރާ ނަބާހާ އަބްދުއްރައްޒާގަށް ހާއްސަ ޕޯސްޓެކެވެ. އެ ޕޯސްޓު ހިއްސާކުރެވޭނެ ފަހު ތާރީހަކީ ބެޑްމިންޓަން ވިމެންސް ސިންގަލްސް ފައިނަލް ޑޭ ކަމަށްވާ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހެވެ.
މި ކެމްޕޭންގެ ލަކީޑްރޯގައި ބައިވެރިވެވޭނީ ޕޯސްޓުތައް ހިއްސާކުރާއިރު، ޕޯސްޓުގެ ވިޒިބިލިޓީ ޕަބްލިކްގައި ބެހެއްޓުމުންނެވެ.
މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ފަރާތުން ތިން ކެޓަގަރީއަކުން ޖުމުލަ ހަތަރު އެތުލީޓުން ވާދަކުރާނެ އެވެ. އެއީ ބެޑްމިންޓަންއިން ނަބާހާ އަބްދުއްރައްޒާގު، ފެތުމުން މުބާލް އައްޒާމާއި އައިޝަތު ސާޖިނާ އަދި ދުވުމުން ހަސަން ސާއިދެވެ.