ބާރަތު ބަޔޯޓެކްއިން ބްރެޒިލްއަށް ކޮވެކްސިން ވިއްކަން ހެދި އެއްބަސްވުން ބާތިލުކޮށްފި

ބާރަތު ބަޔޯޓެކްއިން ވަނީ ބްރެޒިލްއާ އެކު ހެދި އެއްބަސްވުން ބާތިލުކޮށްފަ -- ފޮޓޯ: އޭއެފްޕީ

ދިއްލީ (ޖުލައި 24): އިންޑިއާގައި ކޮވިޑް-19އަށް ވެކްސިނެއް އުފެެއްދި ބާރަތު ބަޔޯޓެކްއިން ބްރެޒިލްއަށް އެ ވެކްސިން ވިއްކަން ހެދި އެއްބަސްވުން ބާތިލުކޮށްފި އެވެ.

ބާރަތު ބަޔޯޓެކްއިން ބްރެޒިލްގެ ސަރުކާރަށް ކޮވެކްސިން ވިއްކަން އެއްބަސްވުން ހެދީ އެގައުމުގެ ޕްރެސީސާ މެޑިކަމެންޓޯސް އާއި އެންވިކްސިއާ ފާމަސޫޓިކަލްސް ކުންފުނި މެދުވެރިކޮށެވެ. ނަމަވެސް 320 މިލިއަން ޑޮލަރުގެ އެ އެއްބަސްވުން މިހާރު ބާތިލު ކުރަން ނިންމި ސަބަބެއް އެ ކުންފުނިން ހާމަ ނުކުރެ އެވެ.

"މި ކުންފުނިން ވަނީ އެ އެމްއޯޔޫ ބާތިލުކޮށްފަ. ނަމަވެސް ބްރެޒިލްގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ ކަމަށްވާ އަންވިސާއިން ކޮވެކްސިންއަށް ހުއްދަ ހޯދުމުގެ މަސައްކަތް ބާރަތު ބަޔޯޓެކްއިން ކުރިއަށްގެންދާނަން،" އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.

ބާރަތު ބަޔޯޓެކްއިން ބްރެޒިލްއަށް ކޮވެކްސިންގެ 20 މިލިއަން ޑޯޒް ވިއްކަން އެއްބަސްވުމެއް ހެދީ އެގައުމުގައި އެ ވެކްސިން ބޭނުން ކުރަން ހުއްދަ ނުދެނީސް އެވެ. އަދި އެ އެއްބަސްވުމާ ބެހޭ ގޮތުން ކޮރަޕްޝަނުގެ ތުހުމަތުތަކެއް ފެންމަތިވެ، ފެޑެރަލް ތަހުގީގެއް ވަނީ ފަށާފައެވެ.

ބްރެޒިލްގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެގައުމުން ކޮވެކްސިން ގަނެފައި ވަނީ މާ އަގު ބޮޑުކޮށެވެ. އަދި އެގައުމުގައި ބޭނުން ކުރަން ހުއްދަ ދީފައިވާ ފައިޒާ ވެކްސިން މާ އަގު ހެޔޮކޮށް ލިބެން އޮއްވަ އެވެ.

މީގެ އިތުރުން އެ މައްސަލަ ބައްލަވާ ފެޑެރަލް ޕްރޮސެކިއުޓަރުން ވަނީ، އެ އެއްބަސްވުމުގައި މެދުވެރިއަކަށް ޕްރެސީސާ ހެދި އިރު އެ ކުންފުނިން މީގެ ކުރިން ހެދި ކޮންޓްރެކްޓުތަކުގައި ހުރި މައްސަލަތަކަށް ހެލްތު މިނިސްޓްރީން ސަމާލުކަން ނުދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެގައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަނީ އެ އެއްބަސްވުން ހެދުމުގައި ރައީސް ޖައިރު ބޮލްސޮނާރޯ އަދާ ކުރެވި ރޯލު ތަހުގީގު ކުރަން ފައްޓަވާފަ އެވެ.

އެގޮތުން ފައިޒާއާ އެކު އެއްބަސްވުމެއް ހެދުމުގެ ބަދަލުގައި ބްރެޒިލްގެ ސަރުކާރުން، ކުރު މުއްދަތަކަށް ދެމިގެން ދިޔަ މަޝްވަރާތަކަށް ފަހު ބާރަތު ބަޔޯޓެކްއާ އެކު އެއްބަސްވުމެއް ހެދި ސަބަބާ ބެހޭ ގޮތުން ސުވާލުތައް ވަނީ އުފައްދާފަ އެވެ.

ބާރަތު ބަޔޯޓެކްއިން ވަނީ އެ ކުންފުނިން ބްރެޒިލްއާ އެކު އެއްބަސްވުން ހަދާފައި ވަނީ ގަވާއިދުތަކާ އެއްގޮތަށް ކަމަށް ބުނެފަ އެވެ. އަދި އެ ކުންފުނިން އާއްމުކޮށް ކޮވެކްސިންގެ ޑޯޒެއް ވިއްކަނީ 15 ޑޮލަރާއި 20 ޑޮލަރާ ދެމެދުގެ އަގަކަށް ކަމަށާއި ބްރެޒިލްއަށް ވިއްކީ 15 ޑޮލަރަށް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް