އިޖްތިމާއީ މަޝްރޫއު ހިންގަން އިންޑިއާއިން އިތުރު 70 މިލިއަން ރުފިޔާ ދީފި

އިންޑިއާއިން ރާއްޖެއަށް އިތުރު 70 މިލިއަން ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ'/ އިންޑިއާ ހައިކޮމިޝަން

ރާއްޖޭގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ހިންގުމާއި ގުޅޭ އެމްއޯޔޫ އެއްގައި އިންޑިއާއާ އެކު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގައި އިޖްތިމާއީ މަޝްރޫއުތައް ހިންގުމަށް އިންޑިއާއިން 70 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރް އެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދގެ ޖެނެރަލް އެސެމްބްލީގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ އެމްއޯޔޫގެ ދަށުން ރާއްޖޭގެ އެކި ރަށު އަދި ސިޓީ ކައުންސިލްތަކުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް 10 ހައި އިމްޕެކްޓް މަޝްރޫއުއަށް އިތުރު 70 މިލިއަން ރުފިޔާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް މަގުފަހި ކުރުވާ މި މަޝްރޫއުތަކުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި ސިއްހަތާއި ކޮމިއުނިޓީ ޑިވެލޮޕްމެންޓާއި ތިމާވެއްޓާއި ސަގާފީ ތަރިކަ ހިމާޔަތް ކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ކުޑަކުދިންގެ ވެލްފެއާއާ ގުޅުން ހުރި ކަންކަން ހިމެނެއެވެ.

މާޗު 2019 ގައި އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ދިވެހިރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގެ ތެރޭގައި ހަމަ މިފަދަ އެމްއޯޔޫއެއްގައި ސޮއި ކުރެވުނެވެ. އެ އެމްއޯޔޫ މެދުވެރިކޮށް ފޯރުކޮށްދެވުނު 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 12 ހައި އިމްޕެކްޓް މަޝްރޫއުގެ މަސައްކަތް އެކި ރަށްތަކުގެ ރަށު ކައުންސިލްތަކުން މިހާރުވެސް ހިންގަމުން ދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި ހަމަ އެ ދަތުރުފުޅުގެ ތެރޭގައި އިންޑިއާއިން ފޯރުކޮށްދީފައިވާ 106 މިލިއަން ރުފިޔާގެ ކޭޝް ގްރާންޓްގެ ދަށުން ކުރިއަށް ގެންދެވޭ 18 މަޝްރޫއުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން މުޅިއަކު 30 ގްރާންޓް މަޝްރޫއުގެ ތެރެއިން 12 މަޝްރޫއު ނިމި، އިފްތިތާހު ކުރެވިފައި ވާއިރު، ބާކީ ހުރިހާ މަޝްރޫއުއެއްގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ފޮރިން މިނިސްޓްރީން ލަފާކުރެއެވެ.

އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގޭ ހައި އިމްޕެކްޓް މަޝްރޫއުތަކަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ދިވެހި ސަރުކާރުން އިޖުތިމާއީ ބައެއް ދާއިރާތަކުން ހޮވާފައިވާ މަޝްރޫއުތަކެކެވެ. މި ގްރާންޓް އެހީގެ ދަށުން ފެށިފައިވާ މަޝްރޫއުތަކުގެ ތެރޭގައި މަސް ޕްރޮސެސިން ޕްލާންޓް ގާއިމުކުރުމާއި އީކޯ ޓޫރިޒަމް ޒޯން ގާއިމު ކުރުމާއި ޑްރަގް ޑީޓޮކްސް ސެންޓަރު ގާއިމު ކުރުމާއި ފެން ބަންދުކުރާ ޕްލާންޓް ގާއިމު ކުރުމާއި ސޮއިލް ޓެސްޓިން ލެބް ގާއިމު ކުރުން ފަދަ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން ގްރާންޓް އެހީގެ ދަށުން ކުޅިވަރާއި ގުޅޭ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި ސިޓީ ކައުންސިލްތަކަށް ބޭނުންވާ އުޅަނދުފަހަރާއި މެޝީނަރީ ހޯދުމާއި މުއައްސަސާތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި ސްކޫލްތަކުގެ ކްލާސްރޫމްތައް ބިނާކުރުމާއި، ކޮމިއުނިޓީ ސެންޓަރުތައް ގާއިމު ކުރުމާއި ކުޑަކުދިންގެ ޕާކު ހިމެނޭހެން ޕާކްތައް ގާއިމު ކުރުން ފަދަ މުހިންމު އެތައް ދާއިރާއެއްގެ މަސައްކަތް ކުރެވޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް