ކޮވިޑް-19 އުފެދުނު ގޮތުގެ އިތުރު ތަހުލީލުތައް ޗައިނާގައި ހެދުމަށް ދެކޮޅު ހަދައިފި

ޗައިނާގެ ހެލްތު ކޮމިޝަންގެ ނައިބު މިނިސްޓަރު ޒެންގް ޔިޝިން --- އޭޕީ ފޮޓޯ: މާކް ޝިފެލްބެއިން

ކޮވިޑް-19 އުފެދުނު ގޮތުގެ އިތުރު ތަހުލީލުތައް ޗައިނާގައި ހެދުމަށް އެގައުމުން ދެކޮޅުހަދައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޮވިޑް-19 އުފެދުނު ގޮތުގެ ތަހުލީލުތަކުގެ ދެވަނަ މަރުހަލާ ޗައިނާގައި ކުރިއަށް ގެންދިޔުމަށް އެދުމުން ޗައިނާއިން ވަނީ އެކަމަށް އިންކާރު ކޮށްފައެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެޔޭސަސް ވިދާޅުވީ އެ ޖަމިއްޔާއިން ޔަގީންކުރަން ބޭނުންވަނީ ކޮވިޑް-19 އަކީ ވޫހާން ސިޓީގައި ހުރި ސައިންސް ލެބަކުން ލީކްވި އެއްޗެއްތޯ ބެލުމަށް ކަމަށެވެ.

ޗައިނާއިން ތަހުލީލު ހަދަން ދެކޮޅު ހެދުމާއެކު އެމެރިކާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަޅުގަނޑުމެން މިތިބީ ވަަރަށް ބޮޑަށް މާޔޫސްވެފައި. ޗައިނާއިން އެކުރީ ޒިންމާދާރުކަން ކުޑަ ނުރައްކާތެރި ކަމެއް،" ވައިޓްހައުސްއިން ބުންޏެވެ.

މިކަމާ ގުޅިގެން ޗައިނާގެ ސިއްހީ ކޮމިޝަންގެ ނައިބު މިނިސްޓަރު ޒެންގް ޔިޝިން ވިދާޅުވީ ޗައިނާގެ ލެބަކުން ވައިރަސް ލީކްވި ވާހަކައަކީ ބަޔަކު ފަތުރައިގެން އުޅޭ ދޮގު ވާހަކައެއް ކަމަށެވެ. އަދި ލެބަކުން ވައިރަސް ލީކްވުމަކީ ނާދިރު ކަމެއްކަމަށް ޑަބްލިއުއެޗްއޯއިން ވެސް ބުނެފައިވާ ކަމަށާއި ތަހުލީލުތަކުގެ ފުރަތަމަ މަރުހަލާގައި އެކަން ސާބިތުވެފައިވާ ކަމަށްވެސް ޔިޝިން ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ސާބިތުކަމާއެކު ދަންނަވަން، ވޫހާންގެ ވައިއޮރޮލޮޖީ ޖަމިއްޔާއިން ނޮވެލް ކޮރޯނާ ވައިރަސް ހަދާ، ތައްޔާރުކޮށް ލީކް ކޮށްފައި ނުވާނެކަން،" ވޫހާންގެ ވައިއޮރޮލޮޖީ ޖަމިއްޔާގެ ބަޔޯސޭފްޓީ ލެބްގެ ޑިރެކްޓަރު ޔޫއާން ޒިމިން ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ކޮވިޑް-19 އަަށް ޕޮޒިޓިވް މީހެއް އެ ގައުމުން ފެނުނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ އެގައުމުގެ ވުހާން އިންނެވެ. އެއާއެކު އެންމެ ބޮޑަށް ކޮވިޑް-19 ފެތުރުނު ޗައިނާ މިހާރު ވަނީ 1.4 ބިލިއަން މީހުންނަށް ވެކްސިން ޖަހާ ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. އަދި މިހާރު އެގައުމުން ކޮވިޑް-19 އިން ދިފާއުވުމަށް ދެ ވެކްސިނެއްވެސް ވަނީ އުފައްދާފައެވެ.

comment ކޮމެންޓް