ނެދަލޭންޑްސްގައި ވާހަކަދައްކާ ޑަޗް ބަހުން ޓިކްޓޮކްގެ ޕްރައިވެސީ ޕޮލިސީ ނުދިނުމުގެ ސަބަބުން އެ ގައުމުން ޓިކްޓޮކް ޖޫރިމަނާ ކޮށްފިއެވެ.
ނެދަލޭންޑްސްގެ ޑާޓާ ޕްރޮޓެކްޝަން އިދާރާއިން ބުނީ ޓިކްޓޮކް ޖޫރިމަނާ ކޮށްފައިވަނީ 750،000 ޔޫރޯ އިން ކަމަށެވެ. އަދި އެއީ ޑަޗް ބަހުން ޓިކްޓޮކްގެ ޕްރައިވެސީ ޕޮލިސީ ކިޔޭގޮތަށް ހަދައިދިނުމަށް އެދެމުުންވެސް އެކަން ނުކުރުމުން ކުރި ޖޫރިމަނާއެއްކަމަށެވެ.
ހަމައެއާއެކު އެއިދާރާއިން ބުނީ ޓިކްޓޮކް ބޭނުންކުރާ ގިނަ ކުޑަކުދިންނަަށް އިނގިރޭސި ކިޔަން ރަނގަޅަށް ނޭނގޭކަމަށެވެ.
"ޓިކްޓޮކް އެޕް ބޭނުންކުރާ މީހުންނާ ބެހޭ އަމިއްލަ މައުލޫމާތު ބޭނުންކުރާ ގޮތުގެ ތަފްސީލެއް ޓިކްޓޮކަކުން ނުދޭ. މިގައުމުގެ ޕްރައިވެސީ ގާނޫނު ބުނާގޮތުން އެމީހުންގެ އަމިއްލަ މައުލޫމާތާ މެދު ކަންތައް ކުރާގޮތުގެ ތަފްސީލް އެމީހުންނަށް އެނގެންޖެހޭ،" އެގައުމުގެ ޑާޓާ ޕްރޮޓެކްޝަން އިދާރާއިން ބުންޏެވެ.
ނެދަލޭންޑްސްއިން ޓިކްޓޮކް ޖޫރިމަނާކޮށްފައިވީ ނަމަވެސް އެ ކުންފުނިން ވަނީ ޖޫރިމަނާ ދައްކަން ދެކޮޅު ހަދާފައެވެ. އަދި ޓިކްޓޮކް ބޭނުންކުރާ އުމުރުން ހަގު ކުދިންނަށް ފަސޭހައިން ބަލާލެވޭނެ ކުރު ޕްރައިވެސީ ޕޮލިސީއެއް ޖުލައި 2020 ގައި ތައާރަފުކޮށްފައި ވާނެ ކަމަށްވެސް ޓިކްޓޮކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޓިކްޓޮކް ބޭނުންކުރާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރަން މަސައްކަތް ކުރާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން 16 އަހަރުން ދަށުގެ ކުދިންނަށް ޑައިރެކްޓް މެސެޖް ނުކުރެވޭ ގޮތަށްވެސް ވަނީ ހަދާފައެވެ.
ޓިކްޓޮކް އަކީ މިހާރު ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ.