ބަގުދާދު (ޖުލައި 23) : އިރާގުގައި ތިބޭ އެމެރިކާ ސިފައިން މިއަހަރު ނިމުމުގެ ކުރިން ބާލާނެ ކަމަށް އިރާގުގެ ޚާރިޖީ ވަޒީރު ފުއާދު ހުސައިން ވިދާޅުވެއްޖެއެވެ.
ބަގުދާދުގައި ދެއްވި ބަޔާނެއްގައި ފުއާދު ހުސައިން ވިދާޅުވީ އިރާގާއި އެމެރިކާއާ ދެމެދު ކުރިޔަށްދާ ސްޓްރެޓީޖިކް ވާހަކަތަކުގެ ފަހުބުރުގައި އެމެރިކާ ސިފައިން އިރާގުން ބޭލުމުގެ މުއްދަތު ކަނޑައަޅާނެކަމުގެވެ. މިވާހަކަތަކުގެ ތިންބުރު މިހާތަނަށް ބައްވާފައިވާއިރު ފަހުބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. މިއާއެކު އެމެރިކާ ސިފައިން އިރާގުން ބޭލުމުގެ އެންމެ ފަހުގެ ތާރީހަކީ މިއަހަރުގެ ޑިސެމްބަރު މަސް ކަމަށް ހެދުމަށް އެމެރިކާއާއި އިރާގާ ދެމެދު އުސޫލެއްގެ ގޮތުން އެއްބަސްވުމަކަށް އާދެވިފައިވާކަން އިރާގުގެ ހާރިޖީ ވަޒީރު ހާމަކުރެއްވިއެވެ.
އިރާގުގައި އެމެރިކާ ސިފައިން ތިބެނީ އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމުގެ ނަމުގައެވެ. ނަމަވެސް އެމެރިކާ ސިފައިން އިރާގުގައި ބައިތިއްބަން އެމެރިކާ ބޭނުންވާ ހަގީގީ މަގްސަދަކީ އިރާގުގެ އަވަށްޓެރި އީރާނަށް ފާރަލުމާއި އީރާނަށް ބިރު ދެއްކުމާއި ފިއްތުންތައް ކުރިމަތިކުރުން ކަމަށްވަނީ ބެލެވިފައެވެ.
އެމެރިކާ ވަނީ އީރާނުގެ މަސްއޫލުވެރިއެއް ކަމަށްވާ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ޖަރީމާ ހިންގުމަށް 2019 ވަނައަހަރު އިރާގު ސަރުކާރުގެ ހުއްދައަކާނުލައި އިރާގުގެ ބިން ބޭނުންކޮށްފައެވެ. މިއީ އެމެރިކާ އިރާގުގެ ސިޔާދަތާއި މިނިވަންކަމަށް އިހުތިރާމް ނުކުރާކަން ހާމަވެގެންދިޔަ ކަމެކެވެ. މި މައްސަލާގައި އެމެރިކާ ހޫނުފެނަށް ވެއްޓުނީ އެކަމުގެ ބަދަލު ހިފުމަށްޓަކައި އީރާނުން އިރާގުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދުރުރާސްތާގެ މިސައިލް ހަމަލާތަކެއްދީ އެމެރިކާ ސިފައިންގެ އެތަށް ބަޔަކު ޒަހަމްކޮށްލުމާ ގުޅިގެންނެވެ.

އެެމެރިކާ ސިފައިން އިރާގުގައި
އީރާނުގެ ބަދަލުހިފުމަށް އިތުރު ރައްދެއް ދޭން އެމެރިކާއަށް ނުކުރޭ އިރު, އީރާނާ ހަނގުރާމަ ކުރުމަށްޓަކައި އިރާގުގެ ބިން ނަހަމަގޮތުގައި ބޭނުންކޮށް އިރާގުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތްކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށްވަނީ ކުރެވިފައެވެ. މިތުހުމަތާއެކު އިރާގުގެ ޕާލަމެންޓުންވަނީ އެމެރިކާ ސިފައިން އިރާގުން ބޭލުމަށް އިރާގު ސަރުކާރަށް ގޮވާލާ ގަރާރެއް 2019 ވަނައަހަރުގެ ފަހުކޮޅު ފާސްކޮށްފައެވެ.
އަނެއްކޮޅުން އެމެރިކާ ސިފައިން އިރާގުން ފައްސާލުމަށްޓަކައި އިރާގުގެ ޖަމާއަތްތަކުން އެމެރިކާ ސިފައިންނަށް ހަމަލާދޭ ހަމަލާތައް ދުވަހެއް ދުވަހަކަށް އިތުރުވުމަކީވެސް އެމެރިކާ ސިފައިން އިރާގުން ބޭލުމަށް އެމެރިކާ ސީރިޔަސްކޮށް ވިސްނަންޖެހުނު ސަބަބެކެވެ.
އިރާގުގެ ސަރުކާރާ ގުޅުންހުރި މިޖަމާއަތްތަކުން އެމެރިކާ ސިފައިންނަށް ދޭ ހަމަލާތަކުގެ ރައްދުގައި އެމެރިކާ ދެތިން ފަހަރެއްގެ މަތިން އެޖަމާއަތްތަކަށް ހަމަލާތައް ދީފައިވެއެވެ. ނަމަވެސް އެޖަމާއަތްތަކުން އެމެރިކާ ސިފައިންނަށް ދޭ ހަމަލާތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިމައްސަލާގައި އެމެރިކާ ސިފައިން އިރާގުން ބޭލުން ނޫންގޮތެއް މިހާރުނެތްކަން އެމެރިކާއަށްވަނީ އިހްސާސް ކުރެވެން ފަށާފައެވެ.
އިރާގުގައި ތިބޭ އެމެރިކާ ސިފައިން ބޭލުމުގެ މުހިއްމުކަން އެމެރިކާގެ ކުރީގެ ސަރުކާރަށްވުރެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރަށް ވިސްނޭކަމަށާ އިރާގުގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު އެމެރިކާ ސަރުކާރުންވެސް މިހާރު ބޭނުންވަނީ އިރާގުގައިވާ އެމެރިކާ ސިފައިން ބޭލުންކަމަށް އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ނެޑް ޕްރައިސް ވެސްވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިރާގާއި އެމެރިކާގެ ސްޓްރެޓީޖިކް ވާހަކަތަކުގެ ފަހުބުރުގައި އެމެރިކާ ސިފައިން އިރާގުން ބޭލުމުގެ މުއްދަތު ކަނޑައަޅައި އެކަމުގައި އެއްބަސްވުމަކަށް އަންނާނެކަން ހާމަކުރައްވާފައެވެ.