ކަސްޓަމްސް ޕްރޮސީޖާތައް އަވަސްކުރަން އިންޑިއާއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖެއާއި އިންޑިއާއާ ދެމެދު "އެކްސްޗޭންޖް އޮފް ޕްރީ-އެރައިވަލް އިންފޮމޭޝަން ފޮ ފެސިލިޓޭޝަން އޮފް ޓްރޭޑް އެންޑް ކަސްޓަމްސް ކޮންޓްރޯލް އޮން ގުޑްސް"އާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީބީއައިސީ)ގެ ޗެއާމަން އަޖިތު ކުމާރެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ.

މިއަދު ސޮއިކުރި އެ އެމްއޯޔޫގެ ދަށުން އެކްސްޕޯޓުގެ ވަގުތު ހުށަހަޅާ ކަސްޓަމްސް ލިޔެކިޔުންތަކުގެ މައުލޫމާތު، މުދާ ބަނދަރާ ހަމައަށް އައުމުގެ ކުރިން ބަދަލު ކުރެވޭނެ ފްރޭމްވޯކެއް ފޯރުކޮށްދެވޭނެ އެވެ.

އެއާއެކު ކަސްޓަމްސް ޕްރޮސީޖާތަކުގެ ހޭދަވާ ވަގުތު ކުޑަކުރެވި، މުދަލުގެ ކަސްޓަމްސް ކޮންޓްރޯލް މެތަޑްތަކާއި ފޯމްތައް ހަރުދަނާ ކުރެވޭނެ އެވެ.

ހަމައެއާއެކު ޑޭޓާ ބަދަލު ކުރުމުގައި ދެ ފަރާތުގެ ގުޅުން އިތުރުވުމުގެ ސަބަބުން، ދެ ފަރާތުގެ ކަސްޓަމްސް އެޑްމިނިސްޓްރޭޝަން މަރުހަލާތައްވެސް އަވަސްވެ، ވިޔަފާރި ކުރުމަށާއި ސަޕްލައި ޗެއިން އަދި ރެވެނިއު ކަލެކްޝަންގެ ސެކިއުރިޓީ ވަރުގަދަވުން ފަދަ އެތައް ފައިދާއެއް ލިބިގެންދާނެ އެވެ.

އެ އެމްއޯޔޫގެ ސަބަބުން ދެގައުމުގެ ކަސްޓަމްސް ޑިޕާޓްމަންޓްގެ މެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖެއާއި އިންޑިއާ ކުންފުނިތަކަށް ވިޔަފާރި ކުރުމަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ބައިލެޓްރަލް ވިޔަފާރި ވަރުގަދަ ކުރުމަށް އެތައް މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދެގައުމުގެ ދެމެދުގައި ގާއިމުކުރި އިންޑިއާ - މޯލްޑިވްސް ޑައިރެކްޓް ކާގޯ ވެސެލް ސާވިސްގެ ސަބަބުން ދެގައުމުގެ ބައިލެޓްރަލް ވިޔަފާރި ޕާޓްނަޝިޕަށް އިތުރު ބާރެއް ވަނީ ލިބިފަ އެވެ.

އެ ހިދުމަތުގެ ސަބަބުން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޓްރޭޑް ޕާޓްނަރުގެ މަގާމުވެސް މިދިޔަ އަހަރު އިންޑިއާއަށް ވަނީ ލިބިފަ އެވެ. އޭގެ ކުރިން 2019ވަނަ އަހަރު އިންޑިއާ އޮތީ އެ ލިސްޓުގެ ފަސްވަނައިގަ އެވެ.

މިދިޔަ އަހަރު ރާއްޖެއިން އިންޑިއާއަށް މުދާ އެކްސްޕޯޓު ކުރި މިންވަރުވެސް އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަން ވަނީ އިތުރުވެފަ އެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ޒަރޫރީ ކާބޯތަކެތީގެ ނުވަ ބާވަތެއްގެ ކޯޓާ ވަނީ 15 ޕަސެންޓު އިތުުރުކޮށްފަ އެވެ.

comment ކޮމެންޓް