ނުރަސްމީ ގަޑީގައިވެސް އޮންލައިން ހިދުމަތް ދޭން މަސައްކަތް އެބަ ކުރަން: ފައްޔާޒް

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިކޮނޮމިކް މިނިސްޓްރީއިން އޮންލައިންކޮށްދޭ އެޕްލިކޭޝަންތައް ރަސްމީ ގަޑި ނޫން އެހެން ގަޑިތަކުގައިވެސް ބޭނުންކުރެވޭ ގޮތަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބައެއް އިދާރާތަކުން ފޯރުކޮށްދޭ އޮންލައިން ހިދުމަތްތައް ރަސްމީ ގަޑި ނޫން އެހެން ގަޑިތަކުގައި ބޭނުން ނުކުރެވޭތީ އާންމުންގެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް ނުރަސްމީ ގަޑީގައި ނުލިބޭތީވެ އެކަމާ ދޭތެރޭވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިނިސްޓަރު ފައްޔާޒް އެ ކަންބޮޑުވުންތަކާ ގުޅިގެން މިއަދު "ސަން"އަށް ވިދާޅުވީ އެގޮތަށް އޮންލައިންކޮށް ދޭ ހިދުމަތްތައް 24 ގަޑިއިރު ދިނުމަށް ދަތިތަކާއި ކުރިމަތިވާކަމަށެވެ.

އެހެންނަމަވެސް އިކޮނޮމިކް މިނިސްޓްރީއިން ދަނީ އެ ހިދުމަތްތައް ހުރިހާ ވަގުތެއްގައިވެސް ބޭނުންކުރެވޭނެ ގޮތަށް ހަމަޖެއްސޭތޯ މަސައްކަތްކުރަމުންކަމަށެވެ.

"މިހާރުވެސް އަޅުގަނޑުމެން ވާނީ އޮންލައިން އެކްސްޕެޓް ނިޒާމު 24 ގަޑިއިރަށް ހުޅުވާލާފައި، ދެން އިތުރު ހިދުމަތްތައްވެސް ކުރިޔަށްދާ ވަރަކަށް ހަމަ އެގޮތަށް ގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވި ގޮތުގައި އެގޮތަށް ހިދުމަތްތައް 24 ގަޑިއިރަށް ހުޅުވާލުމުގައި ކުރިމަތިވާ މައިގަނޑު ދަތިތަކަކީ އެކަމަށް ބޭނުންވާ ވަރަށް މުއައްޒަފުން ނެތުމެވެ.

އެއީ ވެބް ބޭސްޑް ޕްލެޓްފޯމްތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސްކުރާ މުވައްޒަފުން އެ މިނިސްޓްރީގައި މަދުވުމުންކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

"ކޮންމެ ގޮތަކަށްވިޔަސް، އެ އެޕްލިކޭޝަންތައް ޕްރޮސެސްކުރަން ބޭނުންވާނެ މޭންޕަވާ، އެ މޭންޕަވާ އަޅުގަނޑުމެން ކުރިޔަށްދާވަރަކުން އިތުރުކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލައިގައި އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނީ ހަމައެކަނި އިކޮނޮމިކް މިނިސްޓްރީއަކަށް އެކަންޏެއް ނޫނެވެ.

އޭގެ އިތުރުން ހަޔާ އެޑިއުކޭޝަން އަދި ޓްރާންސްޕޯޓް އޮތޯރިޓީ ފަދަ އެހެން ސަރުކާރުގެ އިދާރާތަކުންވެސް ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް ހިދުމަތް ދިނުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އަދި މި ޒަމާނުގައި ބަލިމަޑުކަމެއްގެ ތެރޭގައި ކިއުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި ސަރުކާރުގެ އޮފީސްތަކުގައި ފިޒިކަލްކޮށް ލިޔެކިޔުންތައް ހުށަހަޅާ ހުށަހެޅުން ބަދަލުކުރުމަށް ގޮވާލަމުންނެވެ.

comment ކޮމެންޓް