ވަޒަންތަކަކާއެކު ހިފެހެއްޓި ފަތުރުވެރިޔާ އުމުރު ދުވަހަށް ޑީޕޯޓްކޮށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް. -ސަން ފޮޓޯ/ފަޔާޒް މޫސާ

ވަޒަންތަކަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ފަތުރުވެރިޔާ އުމުރުދުވަހަށް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް "ސަން" އަށް ވިދާޅުވީ ނަމިބިއާއަށް ނިސްބަތްވާ އެ ފަތުރުވެރިޔާ އިއްޔެ ޑީޕޯޓްކޮށްލާފައިވާކަމަށެވެ.

އަދި ގައުމީ ސަލާމަތަށް ނުރައްކާ ހުރި ބާވަތުގެ މައްސަލައަކަށްވުމުން އޭނާ ޑީޕޯޓްކޮށްލާފައި ވަނީ ދެން އަލުން ރާއްޖެއަށް ނާދެވޭގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަހަލަ ބާވަތްތަކުގެ މައްސަލައިގައި ޑީޕޯޓްކުރާނީ އުމުރު ދުވަހަށް،" ހަލީލް ވިދާޅުވިއެވެ.

ޖުލައި 10 ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންގޮސް ހުއްޓާ ވަޒަންތަކެއް ފެނިގެން ހިފެހެއްޓީ އުމުރުން 60 އަހަރުގެ ފަތުރުވެރިޔެކެވެ. ވަޒަންތައް ފެނުމާއެކު އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކޯޓުން ވަނީ ބަންދުގެ މުއްދަތުވެސް ޖަހާފައެވެ.

އެމީހާ އިމިގްރޭޝަނާއި ހަވާލުކުރީ އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުންކަމަށް ހަލީލް ވިދާޅުވިއެވެ.

އެ ފަތުރުވެރިޔާއަށް ވަޒަންތައް ލިބުނު ގޮތެއް ނުވަތަ އެއީ އޭނާ ރާއްޖެއަށް އެތެރެކުރި އެއްޗެއްކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް