ޝެއިޚް ހަސީނާގެ ފަރާތުން ރައީސް ސޯލިހަށް ބައި ޓަނުގެ އަނބު ފޮށިގަނޑެއް!

ޝެއިޚް ހަސީނާ ރައީސް ސޯލިހުއަށް ހަދިޔާކުރެއްވި އަނބުފޮށިގަނޑު

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް 500 ކިލޯގެ އަނބު ހަދިޔާކުރައްފިއެވެ.

މި އަނބުފޮށިގަނޑު ހަވާލުކުރެއްވީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ނަޒްމުލް ހަސަނެވެ. އަދި ރައީސް ސޯލިހުގެ ފަރާތުން އަނބުތަކާ ހަވާލުވީ ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރެވެ.

ޝެއިޚް ހަސީނާގެ ފަރާތުން ރައީސް ސޯލިހަށް ހަދިޔާކުރައްވާފައިވަނީ އެ ގައުމުގައި މަޝްހޫރު އަނބުގެ ވައްތަރެއްކަމަށްވާ "ހަރިވަންގާ" އަނބެވެ.

ޝައިޚް ހަސީނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވެސް ހަރިވަންގާ އަނބު ހަދިޔާކުރައްވާފައެވެ.

އަނބު ހަދިޔާ ކުރެއްވީތީ ރައީސްގެ ފަރާތުން ޝާން ވަނީ ހައިކޮމިޝަނަރު ނަޒްމުލް ހަސަން އަށާއި ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް ޝުކުރު ދަންނަވާފައެވެ. އަދި މިއީ ދެ ގައުމުގެ ވަރުގަދަ ގުޅުން ރަމްޒުވާކަމެއް ކަމަށް ޝާން ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް