އޮގަސްޓު މަހު ހިޔާ ފްލެޓުތަކަށް ކަރަންޓު ކަނެކްޝަން ގުޅައި ނިމޭނެ: އެޗްޑީސީ

ޖުލައި 14، 2021: ހިޔާ މަޝްރޫއުގެ ދަށުން އެޅި ޓަވަރުތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އޮގަސްޓު މަހުގެ މެދުތެރޭ ހިޔާ ފްލެޓުތަކަށް ކަރަންޓު ކަނެކްޝަން ގުޅައި ނިންމާލެވޭނެ ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

އެޗްޑީސީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ހިޔާ ހައުސިން ޔުނިޓުތަކަށް ކަރަންޓު ސަޕްލައި ކުރުމަށް ޗައިނާ މިޝިނަރީ އިންޖިނޭރިން ކޯޕަރެޝަން (ސީއެމްއީސީ) ކުންފުނިން ކުރިއަށް ގެންދިއަ މަޝްރޫއު އެއްކޮށް ނިންމާލައި އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސްޓެލްކޯގެ އެހީތެރިކަމާ އެކީ ކަމަށެވެ.

އެގޮތުން ހިޔާ ޓަވަރުތަކަށް ކަރަންޓު ކަނެކްޝަންތައް ގުޅުމުގެ އެންމެ ފަހުގެ މަސައްކަތް އަންނަ އޮގަސްޓު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަަމަށް އެޗްޑީސީ އިން މައުލޫމާތުދެއެވެ.

ހިޔާ ފްލެޓުތަށް ލިބުނު ފަރާތްތަކާއެކު މިހާރު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވާއިރު، ހިޔާ ފްލެޓުތައް ދޭއިރު ހުންނާނީ ރައުޓަރު ބެހެއްޓީމާ ވަގުތުން އިންޓަނެޓު ލިބޭގޮތަށް ފައިބަރ ކޭބަލް އާއި އޮޕްޓިކަލް ނެޓްވަރކް ޑިވައިސް އިންސްޓޯލް ކޮށްފައި ކަމަށް އެޗްޑީސީ އިން ބުނެއެވެ.

ހިޔާ ހައުސިން ޔުނިޓުތަކަށް ކަރަންޓު ސަޕްލައި ކުރުމުގެ މަސައްކަތް ނިންމާލުން---- ފޮޓޯ: އެޗްޑީސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއް ގައި ގާއިމުކޮށްފައިވާ 7000 ފްލެޓަކީ ރާއްޖޭގެ މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ.

އެހެންނަމަވެސް އެ މަޝްރޫއު ނިންމާލާފައިވަނީ ފިނިޝިންގެ އެއްވެސް މަސައްކަތެއް ނުހިމަނައެވެ

އެ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރުގައި ޖުމްލަ 7،000 ފްލެޓު އެޅިނަމަވެސް ފްލެޓުތަކުގެ ގްރައުންޑް ފްލޯ ކޮމާޝަލް ބޭނުމަށް ހާއްސަ ކުރުމަށްފަހު އާންމުންނަށް ދޭން ނިންމީ 6،720 ފްލެޓެވެ.

comment ކޮމެންޓް