ރާނީ އެލިޒަބަތުގެ ތައުރީފު ރާއްޖޭގެ ސަފާތަށް

ސަފާތު އަހްމަދު އަދި އިނގެރޭސި ރާނީ އެލިޒަބަތު: ޒުވާން ލީޑަރުންނަށް ހާއްސަކޮށްގެން ދެމުން އަންނަ ޔަންގް ލީޑާސް އެވޯޑު ސަފާތަށް ލިބުނީ 2016 ވަނަ އަހަރު

ކޮވިޑް19 ގެ ސަބަބުން އިޖުތިމާއީ ގޮތުން އެންމެ ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނީ އަންހެނުންނެވެ. ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަންހެނުންނަށް ކުރިމަތިވަމުން ދިޔަ މައްސަލަތައް އިތުރުވިކަން ފާހަގަކޮށް, ޕެންޑެމިކުގެ ތެރޭގައި ހިނގި "ޝެޑޯ ޕެންޑެމިކެއް"ގެ ގޮތުގައިވެސް މިކަން ސިފަކުރެވުނެވެ.

ރާއްޖޭގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ ވިމެން އެންޑް ޑިމޮކްރަސީން އަންހެނުންގެ މަދަނީ އެކިއެކި ހައްގުތައް ރައްކާތެރިކުރުމަށާއި ސިޔާސީ ދާއިރާގައި އެމީހުންގެ ހަރަކާތްތެރިކަން އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެ ޖަމިއްޔާގެ ރައީސް އަދި ފައުންޑަރ ސަފާތު އަހްމަދު ޒާހިރު ބުނި ގޮތުގައި އޭނާ ބޭރުން ކިޔަވައި ނިންމުމަށްފަހު ރާއްޖެ އައިސް ވަޒީފާއެއް ހޯދުމުގެ މަސައްކަތް ކުރަންފެށުމުން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އޭނާއަށް ފެންނަން ފެށިއެވެ.

"ހިތަށް އެރީ ރާއްޖެ އައިސް ފެނުނު ބައެއް ކަންތައްތަކުން ރާއްޖެއަށް ކިޔަވައިގެން އަންނަ ކުދިން ރާއްޖޭގެ ކުރިއެރުމަށް މަސައްކަތް ކުރަން ޖެހެއޭ އެބަ. އަޅުގަނޑުމެންވެސް ނިކުމެގެންނޭ މިކަން ވާނީ." ސަފާތު ކިޔައިދިނެވެ.

ކޮމަންވެލްތު ގައުމުތަކުން ފާހަގަކޮށްލެވޭ ޒުވާނުންނަށް އިނގިރޭސި ރާނީ އެލިޒަބަތުގެ ފަރާތުން ދެމުން ގެންދާ "ކުއީންސް ޔަންގް ލީޑާސް އެވޯޑު", ރާނީގެ އަތްޕުޅުން 2016 ވަނަ އަހަރު ލިބިފައިވާ ސަފާތު ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާ އުފައްދައިގެން މަސައްކަތް ފެށީ މިކަންކަން ބަދަލުކުރުމަށެވެ.

"ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވިއްޖެ. ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން މުޅި ރާއްޖެ ކަވަރު ކުރާގޮތަށް ހާއްސަ ޕްރޮޖެކްޓެއް ހިންގަން. އެގޮތުން މިއަހަރުވެސް އަޅުގަނޑުމެން ހިންގިން ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ހުރިހާ އަތޮޅަކަށް އަންހެން ކެނޑިޑޭޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް. އެއީ ސިޔާސީ ގޮތުން އަންހެނުންގެ ހުނަރުތައް އިތުރުކުރަން," ވިމެން އެންޑް ޑިމޮކުރަސީގެ ރައީސް ސަފާތު ބުންޏެވެ.

ސަފާތުގެ ޖަމިއްޔާއިން މިހާތަނަށް 700 އާ ގާތްވާ އަދަދަށް އަންހެނުން ތަމްރީނުކޮށްފައިވާ އިރު, އަންހެނުންނަށް ދިމާވާ ނަފްސާނީ އަދި އެހެނިހެން މައްސަލަތަކަށް އެހީތެރިވެދޭން އެޖަމިއްޔާއިން މަސައްކަތްކުރެއެވެ.

ރާނީ އެލިޒަބަތާއެކު ވީޑިއޯކޯލަކަށް

އިނގިރޭސި ރާނީގެ ފަރާތުން ދެއްވާ ކުއީންސް ކޮމަންވެލްތު ޓްރަސްޓް ފަންޑުގެ އެހީގައި ސަފާތުގެ ޖަމިއްޔާ ހިންގާ އިރު, މިދިޔަ ހަފްތާގައި ސަފާތު ވަނީ ވެބް ކޮންފަރަންސް މެދުވެރިކޮށް އޭނާ ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރާނީ އެލިޒަބެތަށް އަރުވާފައެވެ.

"އަނިޔާއާ ކުރިމަތިވަމުން ދިޔަ 130 އަށްވުރެ ގިނަ އަންހެނުންނަށް އަޅުގަނޑުމެން ވާނީ ހަލުއިކަމާއެކު ޖިސްމާނީ އަދި ނަފްސާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައި. މިދިޔަ ހަ އަހަރު ތެރޭގައި އަޅުގަނޑުމެން ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފިން, އެކަމަކު ކުރަން ހުރި ގިނަ މަސައްކަތްތައް އަދިވެސް އެބަހުރި. އަޅުގަނޑުމެން މިތިބީ ހުރިހާ ހާލެއްގައިވެސް އަންހެނުންނާއި އަންހެންކުދިންގެ ހައްގުތަކާއި އެކި ދާއިރާތަކުން އެމީހުންގެ ހުނަރުވެރިކަން ދެއްކޭނެ ފުރުސަތުތައް ފަހިކޮށްދޭން ތައްޔާރަށް," ސަފާތު އިނގިރޭސި ރާނީއަށް މައުލޫމާތު އަރުވަމުން ބުންޏެވެ.

ސަފާތުގެ ޖަމިއްޔާގެ މަސައްކަތްތަކަށް ތައުރީފުކުރަމުން އިނގިރޭސި ރާނީ ވިދާޅުވީ އެ މަސައްކަތްތައް ވަރަށް ކާމިޔާބުކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ތިއީ ވަރަށް ޝައުގުވެރި ވާހަކަތަކެއް. އަދި [ތިޔަ މަސައްކަތްތައް] ވަރަށް ކާމިޔާބުކަން ޔަގީން. އަދިވެސް [މަސައްކަތައިގެން] ކުރިއަށް ވަޑައިގަންނަވާ," އިނގިރޭސި ރާނީ ސަފާތަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުސަތު ލިބުނީ ކޮމަންވެލްތުގެ ހަތަރު ގައުމެއްގެ ހަތަރު ޒުވާނުންނަށެވެ. މި ނަސީބު ހިފީ ސަފާތުގެ އަތުގައެވެ.

"އަޅުގަނޑު ނުދެކެން އެއީ އަޅުގަނޑަށް ލިބުނު ޝަރަފެއް ގޮތުގައެއް. އެއީ ރާއްޖެއަށް ލިބުނު ޝަރަފެއް. ވަރަަށް އުފާވޭ ރާއްޖޭގެ ރައްޔިތުންގެ މަސައްކަތް އެ ބޭފުޅުން ބަލައިގަންނާތީ," ސަފާތު ކިޔައިދިނެވެ.

comment ކޮމެންޓް