ކުރިއަށް އޮތް ތިން ދުވަހު މާލެ، ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދާއެކު ކުރިއަށް އޮތް ތިން ދުވަހު ގްރޭޓާ މާލެ ގްރިޑް އެނާޖައިޒްކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށާއި އެހެންކަމުން މާލެ ހުޅުމާލެ އިން ކަރަންޓު ކެނޑުން އެކަށިގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމެޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ގްރޭޓާމާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތް މިއަދާއި މާދަމާ އަދި ބުދަ، ބުރާސްފަތި ދުވަހު އޮންނާނެ ކަމަށެވެ.

އެގޮތުން މިއަދު ހެނދުނު 8:00 އިން 17:00 އަށް އެ މަސައްކަތް ކުރަމުންދާއިރު، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ މާދަމާ ސިސްޓަމް އެނަޖައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން ގްރިޑް މާލޭގެ އިންޖީނުގެއާއި ސިންކޮރޮނައިޒް ކުރާނެކަމަށެވެ.

ބުދަ ދުވަހު ގްރޭޓާމާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުންވެސް ކުރިއަށް ދާނެކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ބުދަ ދުވަހުވެސް ހެނދުނު 8:00 އިން 17:00 އެ މަސައްކަތް ކުރިއަށްދާއިރު، މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެކަމަށް ސްޓެލްކޯ އިން ވަނި ބުނެފައެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ ބުރާސްފަތި ދުވަހު ކުރިއަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނާޖައިޒް ކުރުމުގެ މަސައްކަތްކަމަށެވެ.

ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132ކޭވީ ގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓްއިން ގުޅާލެވޭ މަޝްރޫއެކެވެ. އަދި މި މަޝްރޫގެ ދަށުން ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ.

މި ކަރަންޓުވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް