ރާއްޖޭގެ ފަސް ސަރަހައްދުގައި ތަރައްގީކުރާ ފަސް ޓާޝަރީ ހޮސްޕިޓަލުގެ ސަބަބުން އަތޮޅުތެރޭ ރައްޔިތުން ބޭސްފަރުވާއަށް ކުރަންޖެހޭ ހަރަދު ސަލާމަތްކުރެވި، އެ ފަރާތްތަކަށް ގިނަ ފައިދާތަކެއް ކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހދ. އަތޮޅުގެ ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުޅުދުއްފުށްޓައް ވަޑައިގެން އެރަށު ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހް ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލުގެ ސަބަބުން ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެން ދިއުމާއެކު އިތުރު އެތައް ފައިދާ ތަކެއް ވާނެކަމަށެވެ.
ރައީސް ވިދާޅުވީ އޭގެ ހެޔޮބަދަލުތައް މިހާރުވެސް ފެންނަން ފަށާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލްގެ ތަރައްގީއަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޮސްޕިޓަލުގެ އިސްވެރިންނާ ހިއްސާ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ކުޅުދުއްފުށީގެ އާ ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް ފެށުމުގެ ކުރިންވެސް ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް މަތި ކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތަކުގެ ދަށުން އެ ހޮސްޕިޓަލުގައި މިހާރު އަންނަނީ 30 އެނދުގެ ވޯޑެއް ހެދުމާއި ހަ އެނދުގެ އައިސީޔޫއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން ގިނަ އާ ހިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ވަނީ ތައާރަފު ކޮށްފައެވެ. އެގޮތުން އެމްއާރުއައިގެ ހިދުމަތާއި ސީޓީ ސްކޭން، ސްޕީޗް ތެރެޕީ ހިދުމަތުގެ އިތުރުން ގިނަ ހިދުމަތްތައް އެ ހޮސްޕިޓަލުގައި ވަނީ ފަށާފައެވެ.
ކުޅުދުއްފުށީގެ އާ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ ޕްރޮޖެކްޓް މިހާރު އޮތީ ޓެންޑާ ކުރުމަށް ހުޅުވާލުމުގެ މަރުހަލާގައެވެ.
ކުޅުދުއްފުށީގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާކަން ސަރުކާރުން އިއުލާނު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށީ ހޮސްޕިޓަލަށް މިއަދު ކުރެއްވި ޒިޔާރަތުގައި ރައީސް ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ދޭ އެކި ތަންތަނަށް ޒިޔާރަތްކުރައްވައި އެ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ.