މިއަދު ގައުމުގެ ހާލަތު އޮތްގޮތުން ރައްޔިތުން ތިބީ ވަރަށް ބޮޑު ހާސްކަމެއްގައިކަމަށް ކުރީގެ މިނިސްޓަރު އަބްްދުالله ކަމާލުއްދީން (އޭކޭ) ވިދާޅުވެއްޖެއެވެ. ކަމާލުއްދީން މި ހަފްތާގައި ވަނީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް ފައްޓަވާފައެވެ.
ދިވެހި ޗެނަލުގައި ރޭ ވާހަކަދައްކަވަމުން އޭކޭ ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހައްލުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. އަދި ހައްލުކުރަންޖެހޭ ކަންކަން ހައްލުނުވެ ދިގުލައިގެން ދާތީ ނަފުރަތާއި ހަސަދަވެރިކަން އުފެދި އާންމުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"ޑިމޮކްރަސީއަކާ ގުޅުމެއް ހުރި ކަމެއް ނޫން އެއިކީ އަދި. އަޅުގަނޑަށް ހީވަނީ ހަމަ ދައުލަތުގެ ބާރުތަކުގައި ތިއްބެވި ބޭފުޅުންނަށް އެކަން ކުރިޔަށް ގެންދަންވީ ގޮތަށް ނުގެންދެވިގެން ދިމާވެގެން އުޅޭ މައްސަލައެއްހެން މިއީ." ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުކަމާއި ހޯމް މިނިސްޓަރުކަން ކުރެއްވި ކަމާލުއްދީން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ގައުމުގެ ކަންކަން ހައްލުކޮށް މިހާރު ހިނގާ ނުރަނގަޅުކަންކަމާމެދު ފިކުރުކުރާ އެތައް ރައްޔިތުންނެއް އުޅޭކަމަށެވެ. އަދި އޭނާ ޕާޓީއެއް އުފައްދަވަން ނިންމެވި މައިގަނޑު ސަބަބަކީވެސް އެއީކަމަށް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.
"އެންމެ ކައިރިން އަޅުގަނޑުމެންގެ ހިތާ ކުޅޭ އެއްޗަކީ އަޅުގަނޑުމެންގެ ދީން ދެއްތޯ. އަޅުގަނޑުމެން ހީނުކުރާ މީހުންވެސް ރާއްޖެއިން އިސްލާމްދީން ދާކަށް ބޭނުމެއް ނުވޭ. އެކަމު މިއަދު އެހެނެއް ނޫން އެހާލަތު އޮތީ. މިއަދު އެ ހާލަތު އޮތީ ވަރަށް ހިތްދަތިކަހަލަ ގޮތަކަށް." ކަމާލުއްދީން ވިދާޅުވިއެވެ.
ހަމައެއާއެކު މިއަދު އަވައްޓެރިންނާ އިދިކޮޅަށް، ގައުމުގެ ދެބައިކޮށްފަ އެއްބައި ރައްޔިތުން ނިކުންނަން ތައްޔާރަށް ތިބިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަމާ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ވިދާޅުވީ ދިވެހީންނަށް ރައްކާތެރިކަމާއެކު އެކަނި އުޅެވެން ޖެހޭނެ ކަމަށާއި އެކަމުގައި އަވަށްޓެރިންގެ ހިމާޔަތް ލިބެންވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ދިވެހިންވެސް އަވަށްޓެރިންނަށް ރައްކާތެރިކަން ދޭންވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މިހާރު ކަންކަން ވަމުންދާ ގޮތުން ބޮޑެތި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ ސަރުކާރުގައާއި ސިޔާސީ މަސައްކަތުގައި އުޅުއްވައި, ފަހުން ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުގއި ހުންނެވި އޭކޭ, ރައީސް މައުމޫނުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ޕާޓީ އުފެއްދުމުގައި އުޅުއްވިއެވެ.
ނަމަވެސް ޖޫން 30 ވަނަ ދުވަހު އެމްއާރުއެމްއިން ވަކިވެވަޑައިގަތުމަށްފަހު އޭނާ ވަނީ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" (NATIONAL SOLIDARITY PARTY)ގެ ނަމުގައި، އާ ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ. އނާ ވިދާޅުވި ގޮތުގައި އާ ޕާޓީއެއް އުފައްވަނީ ރާއްޖޭގެ މިވަގުތުގެ ސިޔާސީ ކަންކަމާ މެދު އެހެން ނަޒަރަކުން ދެކުމަށްޓަކައި, އެއް ހިޔާލަކާއި މަގުސަދެއްގައި މަސައްކަތްކުރައްވާ ފަރާތްތަކެއްގެ މަޝްވަރާގެ މަތިން ކަމަށެވެ.