ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫގެ ފުރަތަމަ ފިޔަވަހީގެ 88 ޕަސެންޓު މަސައްކަތް ނިންމާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ މިހާރު މި މަޝްރޫގެ ދަށުން، ދުއްވާ ސަރަހައްދު ގާއިމްކުރުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށެވެ.
ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 3.5 ކިލޯ މީޓަރުގެ 12 މަގެއް ތަރައްގީކުރަން ވަނީ ނިންމައިފައެވެ. އެގޮތުން 27،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި ފެން ހިންދާ ނިޒާމު ގާއިމްކުރާނެ އެވެ. އަދި މަގުތަކުގައި ސްޕީޑް ބްރޭކާ ލުމާއި ނިޝާންތައް ހަރުކުރުން ވެސް މަޝްރޫއުގައި ހިމެނެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ފެށި މި މަޝްރޫއަށް 25.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.