ޔޫރޯ 2020: މޮޅު ކުޅުންތެރިޔާގެ މަގާމު 22 އަހަރުގެ ޑޮނަރޫމާއަށް

ޕެނަލްޓީ މަތަކޮށް ޑޮނަރޫމާ އިޓަލީ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ --- ފޮޓޯ/ ޔޫއެފާ

ނިމިގެންދިޔަ ޔޫރޯ 2020 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފައިނަލު މެޗުގެ ހީރޯ އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީގީ ޑޮނަރޫމާއަށް ދީފި އެވެ.

އިޓަލީން ބަލިނުވެ 34 މެޗު ހަމަކޮށްފައިވާ އިރު، މިފަހަރުގެ ޔޫރޯ އެ ޓީމުން ނިންމާލީ 100 ޕަސަންޓު މޮޅުގެ ރެކޯޑެއް ދަމަހައްޓައިގެންނެވެ. ގުރޫޕް ސްޓޭޖުގައި އެއްވެސް ގޯލެއް ބައިކޮޅަށް ނުވައްދާ ނިންމާލި އިޓަލީ ފައިނަލާއި، ސެމީ ފައިނަލް މެޗުން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. މި ހުރިހާ މެޗެއްގައި ވެސް އެއްވަރެއްގައި މޮޅު ކުޅުމެއް ދެއްކީ އެންމެ 22 އަހަރުގެ ޑޮނަރޫމާ އެވެ.

ރޭގެ މެޗުގައި އިންގްލަންޑުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ޑޮނަރޫމާ ދެ ޕެނަލްޓީ މަތަކުރި އިރު، މާކަސް ރަޝްފޯޑް ޖެހި ޕެނަލްޓީ ޖެހުނީ ދަނޑީގަ އެވެ. އެއާ އެކު އިޓަލީއަށް ދިގު އިންތިޒާރަކަށްފަހު ޔޫރޯގެ ކާމިޔާބީ ވަނީ ޔަގީންވެފަ އެވެ.

މިފަަހަރުގެ ޔޫރޯގައި 719 މެޗު ކުޅެފައިވާ ޑޮނަރޫމާ އަކީ 1992 ވަނަ އަހަރަށްފަހު ޔޫރޯއެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފުރަތަމަ ކީޕަރެވެ. އެފަހަރުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑެންމާކަށް ތަށި ހޯދައިދިން ކީޕަރު ޕީޓާ ޝްމައިކަލް އެވެ.

"ކާމިޔާބަށް ދަތުރު ކުރީ އެންމެ ދަށުން ފަށައިގެން. މި ޓީމަށް ކާމިޔާބު ހައްގު," ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑޮނަރޫމާ ބުންޏެވެ.

ޔޫރޯ 2020 ގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ ފަސް ގޯލު ޖަހައި، އެސިސްޓެއް ކޮށްފައެވެ. ޗެކު ރިޕަބްލިކްގެ ޕެޓްރިކް ޝިކް ފަސް ގޯލު ޖެހި ނަމަވެސް ރޮނާލްޑޯއަށް އެ މަގާމު ލިބުނީ އެސިސްޓް ގުނައިގެންނެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ސްޕެއިނުގެ ޕެޑްރީ އެވެ. ޕެޑްރީ ވަނީ މިފަހަރުގެ ޔޫރޯގައި ސްޕެއިނުން ކުޅުނު ހުރިހާ މެޗެއްގައި ވެސް ކުޅެފަ އެވެ.

comment ކޮމެންޓް