ބޮންޑޭގެ ތުހުމަތު: ނަފުރަތުގެ ބިލަކީ ހިސާން އަވަހާރަކޮށްލަން ރޭވި ރޭވުމެއް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ނަފްރަތު އުފެއްދުމަކީ ކުށެއް ކަމަށް ކަނޑައަޅަން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހަކީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން އަވަހަކާރަކޮށްލަން ރާވައިފައިވާ ދެވަނަ ރޭވުމެއްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ތުހުމަތު ކުރައްވައިފިއެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެ ބިލާ ގުޅޭގޮތުން ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ގާނޫނުލް އުގޫބާތަށް އެ އިސްލާހު ހުށަހެޅީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ފެށުމުން އެ ވާހަކަތަކުގެ މިސްރާބު އަނބުރާ ލުމަށް ކަމަށެވެ.

ހިސާނު ލައްވައި ސަރުކާރުން އެ ބިލް މަޖިލީހަށް ހުށަހެޅުމަށްފަހު ސަރުކާރުގެ ވުޒާރާތަކުގައި ތިބި ފަރާތްތަކުން މި ބިލާ އިދިކޮޅަށް ވާހަކަދައްކައި މުޅި މީޑިއާ ބޭނުންކޮށްގެން ހުރިހާ ބަދުނާމެއް ހިސާންގެ ބޮލުގައި އެޅުވީ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުގެ މިސްރާބު ބަދަލުކޮށް އެކަމުގައި ބައިވެރިވި މުޖުރިމުން ސަލާމަތްކޮށްދިނުމަކީ ވެސް އެ ބިލް ހުށަހެޅުމުގެ ބޭނުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ތުހުމަތުކުރަން މިހާރު ސަރުކާރު މިކަމުގައި ހިމެނޭކަމަށް. އަޅުގަނޑަށް ޝައްކުކުރެވޭ މިހާރު ސަރުކާރުގެ ކޯލިޝަންގަ ތިބި ބަޔަކު ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލާފައި، އެ ވާހަކަތަކާއި ތަހުގީގުތަކުގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލުމަށްޓަކައި، ތަހުގީގުކުރަމުން ބަލަން ހުރި އެންމެ މުއައްސަސާއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު ހިސާން ހުސައިން އަވަހާރަކޮށްލަން ދެވަނަ ރޭވުމެއްކަމަށް މިއޮތީ ރާވަފަ." ބޮންޑޭ ވިދާޅުވިއެވެ.

އެ ބިލާ މެދު ކަންބޮޑުވުންފާޅުކޮށް އެ ބިލް އަނބުރާ ގެންދިޔުމަށް ގޮވާލައި ގިނަ ކައުންސިލްތަކަކުން ބަޔާން ނެރެފައިވާތީ ބޮންޑޭ ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އެ ބިލް އަނބުރާ ގެންދިޔުމަށް ކައުންސިލްތަކުން ގޮވާލާއިރު، އެއްވެސް ކައުންސިލަކުން ބިލްގައި އޮތްއެއްޗެއް ކިޔާފައިނުވާ ކަމަށެވެ.

ނަފުރަތުގެ ބިލަކީ ހިސާން އަވަހާރަކޮށްލަން ރާވައިފައިވާ ރޭވުމެއްކަމަށް ބޮންޑޭ ތުހުމަތުކުރައްވާފައިވާއިރު މަޖިލިސް ގެ ނައިބު ރައީސް އިވާ އަބްދުﷲ ވަނީ ހިސާންގެ ދިފާއުގައި އެޓާނީ ޖެނެރަލް ފިޔަވާ އިތުރު އެއްވެސް ބޭފުޅަކު ނިކުމެފައި ނުވާކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮންގޮއްވާލީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ކަމަށް ބޮންޑޭ ތުހުމަތުކުރައްވާފައިވާއިރު، ރައިސް ނަޝީދު ދާދިފަހުން ވިދާޅުވެފައި ވަނީ މި ހަމަލާއަކީ އެތެރެއިން ދީފައިވާ ހަމަލާއެއްކަމަށް އެމަނިކުފާނު ގަބޫލްފުޅު ނުކުރައްވާ ކަމަށެވެ.

comment ކޮމެންޓް