ލަންކާގެ ރައީސާއި ބޮޑުވަޒީރުގެ ކޮއްކޮއަށް ފިނޭންސް މިނިސްޓަރުކަން ދީފި

ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ (ރ)، މަހިންދަ ރާޖަޕަކްސަ އަދި އާ ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސަ -- ފޮޓޯ: ޑެއިލީމިރާ ލަންކާ

ކޮލޮމްބޯ (ޖުލައި 8): ސްރީލަންކާގެ ރައީސާއި ބޮޑުވަޒީރުގެ ކޮއްކޮ ބެސިލް ރާޖަޕަކްސަ އެގައުމުގެ ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކޮށްފި އެވެ.

ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އޮފީހުން އިއުލާން ކުރި ގޮތުގައި މީގެ ކުރިން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްކޮށް ހުންނެވި ފިނޭންސް މިނިސްޓްރީ މިހާރު ވަނީ ބެސިލްއާ ހަވާލުކޮށްފަ އެވެ. އަދި އެގައުމުގައި އަލަށް އުފެއްދި އިކޮނޮމިކް ޕޮލިސީސް އެންޑް ޕްލޭން އިމްޕްލިމެންޓޭޝަން މިނިސްޓްރީގެ ޒިންމާތަކާ މަހިންދަ ވަނީ ހަވާލުވެވަޑައިގެންފަ އެވެ.

ލަންކާގެ ކެބިނެޓާ ބެސިލް ގުޅިވަޑައިގަތުމުން، އެ ކެބިނެޓުގައި ތިއްބަވާ ރާޖަޕަކްސަ އާއިލާގެ މެމްބަރުންގެ އަދަދު ފަހެކަށް އަރާނެ އެވެ. އެގޮތުން މަހިންދައަށް ލިބިވަޑައިގަތް އާ މިނިސްޓްރީގެ އިތުރުން ދީނީ އަދި ސަގާފީ ކަންކަން، އަދި އުމްރާނީ ތަރައްގީ އާއި ގެދޮރާ ބެހޭ މިނިސްޓްރީވެސް ހަވާލުކޮށްފައި ވަނީ އޭނާއާ އެވެ.

މީގެ އިތުރުން، މަހިންދަގެ ދަރިކަލުން ނާމަލް ރާޖަޕަކްސައަށް ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރުކަން ދީފައިވާ އިރު ގޯޓާބަޔަ އާއި މަހިންދަގެ ދޮށީ ބޭބޭފުޅު ޗަމަލް ރާޖަޕަކްސައަށް އިރިގޭޝަން މިނިސްޓަރުކަމުގެ އިތުރުން ސްޓޭޓް މިނިސްޓަރ އޮފް އިންޓާނަލް ޑިފެންސް އަދި ޑިޒާސްޓާ މެނޭޖްމަންޓުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވެ އެވެ. އަދި ޗަމަލްގެ ދަރިކަލުން ޝަޝީންދްރާ ރާޖަޕަކްސަ ގެންދަވަނީ ދަނޑުވެރިކަމާ ބެހޭ ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުންނެވެ.

ބެސިލް ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރީ ލަންކާގެ ނެޝަނަލް ލިސްޓު ނިޒާމުގެ ދަށުން، ވެރިކަން ކުރާ ޕޮޑުޖަނަ ޕާޓީގެ ޕާލިމެންޓު މެމްބަރަކަށް އޭނާ ހޮވި ފަހުންނެވެ.

ނެޝަނަލް ލިސްޓު ގޮނޑިތަކަކީ ގައުމުގެ އާއްމު އިންތިހާބުން ކޮންމެ ޕާޓީއަކަށް ލިބޭ ވޯޓަށް ބަލައި، ޕާޓީތަކުން އަމިއްލައަށް އައްޔަން ކުރުމަށް ޕާލިމެންޓުން ދީފައިވާ 29 ގޮނޑި އެކެވެ.

ބެސިލްއަށް ޕާލިމެންޓު މެމްބަރުކަން ލިބިވަޑައިގަތީ އޭނާއަށް ފުރުސަތު ދިނުމަށްޓަކައި ނެޝަނަލް ލިސްޓު މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ. އަދި ލަންކާ ނޫން އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ މީހަކަށް ޕާލިމެންޓުގެ މެމްބަރަކަށް ނުވެވޭނެ ކަމަށް ބުނާ ގާނޫނު އަސާސީގެ މާއްދާއަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިސްލާހު ގެނައި ފަހުންނެވެ.

މީގެ ކުރިން މަހިންދަގެ ރައީސްކަމުގައި ބެސިލް ވަނީ 2010 އިން 2015އަށް އިކޮނޮމިކް ޑިވެލޮޕްމެންޓު މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި އޭރު ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ގޯޓާބަޔަ އާއި މަހިންދައާ އެކު، އެގައުމުގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އޭނާވެސް އިސް ދައުރެއް އަދާ ކުރެއްވި އެވެ.

ނަމަވެސް އެ ހަނގުރާމައިގެ ތެރޭގައި ސަރުކާރުން ހިންގި ޖަރީމާތަކުގައި ބެސިލްވެސް ބައިވެރިވެވަޑައިގެންނެވި ކަމުގެ ތުހުމަތުތައް ފެންމަތިވެފައިވެ އެވެ. އަދި ގައުމުގެ ތަރައްގީއާ ބެހޭ ޑިޕާޓްމެންޓަކަށް ހާއްސަކޮށްފައިވާ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލައެއްގައި އޭނާއާ ދެކޮޅަށް 2015އިގައި ދައުވާ ކުރި ނަމަވެސް އެ ދައުވާ ސާބިތު ނުވާ ކަމަށް މިދިޔަ ނޮވެމްބަރު މަހު ކޮލަމްބޯ ހައި ކޯޓުން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް