ޑާކްރެއިންގެ "ގޮށްރާޅު" މިހާރު މަލްޓި ސްކްރީނުން ބެލޭނެ

"ގޮށްރާޅު"ގެ ތަރިން---

ދެހާސް ނަވާރަ ވަނަ އަަހަރު އޮލިމްޕަހުގައި އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމު "ގޮށްރާޅު" މީޑިއާނެޓް މަލްޓި ސްކްރީން އެޕުގައި ސްޓްރީމްކުރަން ފަށައިފިއެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބުނު ގޮށްރާޅު އަކީ ރާއްޖޭގައި މިވަގުތު އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ އުފެއްދުމެކެވެ. ގޮށްރާޅުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފުވި ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަދި އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ އިސްމާއިލް ޖުމައިހު އަދި ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މުހައްމަދު އަލީ (މޮގާ) އެވެ. އެ ފިލްމަކީ 2019 އަހަރުގެ ފުރަތަމަ ބޮލޮކްބަސްޓާ އެވެ. ފިލްމުގައި ފެނިގެންދަނީ އަންހެން ކުއްޖެއްގެ ސަބަބުން ދެ މީހެއްގެ ދެމެދު ހިނގާ ހަމަނުޖެހުންތަކެވެ. މުޖުތަމައުގައި މިއަދު އާންމުވެފައިވާ މައްސަލައަކަށް "ގޮށްރާޅު" ވަނީ އަލިއަޅުވާލާފަ އެވެ. މުޖުތަމައުގައި މަދުން ނަމަވެސް މިއަދު ހިނގާ ހިތްދަތި އެ ހާދިސާއަށް ފިލްމު ވަނީ އަލިއަޅުވާލައިފަ އެވެ.

މީޑިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަނަކީ ލައިވްކޮށް އެކި ޓީވީ ޗެނެލްތައް ބަލައިލެވޭ އަދި ވިޑިއޯ އޮން ޑިމާންޑް ފީޗާއަކާ އެއްކޮށް ލައިވް ޓީވީ އާއި އެކި ސީރީޒް ބަލާލެވޭ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ރާއްޖެ އާއި ބައިނަލްއަގްވާމީ ޗެނެލްތައް އަމިއްލަ ފޯނަށާއި ލެޕްޓޮޕަށާއި ކޮމްޕިއުޓަރަށް ނުވަތަ ޓެބްލެޓަށް ސްޓްރީމްކޮށްގެން ބަލައިލެވޭނެ އެވެ.

comment ކޮމެންޓް