ފަހުން ލިބުނީ ކޮވިޝީލްޑުގެ 60،000 ޑޯޒް، އަދި އިތުރު ޝިޕްމެންޓް ލިބޭނެ

ފެބްރުއަރީ 4، 2021: ކޮވިޝީލްޑް ވެކްސިން ވަޔަލްއަކުން ސިރިންޖަށް ނަގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާގައި އުފައްދާ ކޮވިޝީލްޑު ވެކްސިންގް ހުސްވެފައި ވަނިކޮށް މި ހަފްތާގައި އަލަށް ލިބުނު ވެކްސިން ސްޓޮކުގައި ހިމެނެނީ 60,000 ޑޯޒްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް19 ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށީ މިދިޔަ ފެބްުރުއަރީ މަހު, ކޮވިޝީލްޑް ވެކްސިނުންނެވެ. ނަމަވެސް އިންޑިއާއިން ވެކްސިން ސަޕްލައި ލިބުން ދަތިވެ, މޭ މަހުގެ ތެރޭގައި ކޮވިޝީލް ވެކްސިން ޖެހުން ރާއްޖޭގައި ވަގުތީ ގޮތުން ހުއްޓާލިއެވެ.

އޭގެ ދެ މަސް ފަހުން މި ހަފްތާގައި ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ ސްޓޮކެއް ލިބި, ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ވަނީ އަލުން ފަށާފައެވެ. އިތުރު ތަފްސީލެއް ސަރުކާރުން އޭރު ހާމައެއް ނުކުރެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވި ގޮތުގައި އަލަށް ލިބުނީ ކޮވިޝީލްޑު ވެކްސިންގެ 60,000 ޑޯޒެވެ. ނަމަވެސް އަދި އިތުރު ސްޓޮކް ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މިވަގުތު ވެކްސިން ހުރި އަދަދަކީ 60,000. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޝިޕްމަންޓްތައް ލިބެމުން ދާނެ ކަމަށް, އަދި ވެކްސިން ޕްރޮގްރާމް ހުއްޓުމަކާ ނުލައި ކޮންޓިނިއު ކުރެވޭނެކަމަށް އަންދާޒާ ކުރެވެނީ," މަބްރޫކް މިއަދު ވިދާޅުވިއެވެ.

މާލޭގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒްގެ ވެކްސިން ޖަހައިދެމުން ގެންދަނީ އޮންލައިންކޮށް އެޕޮއިންޓްމަންޓް ހައްދައިގެންނެވެ. އެޗްޕީއޭއިން ތައާރަފުކޮށްފައިވާ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ވެކްސިން ޖަހަން ބޭނުންވާ ދުވަހާއި ގަޑި އިހުތިޔާރުކުރުމުން ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ލިބޭނެއެވެ.

މަބްެރޫކް މިއަދު ވިދާޅުވީ މި ހަފްތާގައި ރާއްޖެއަށް ލިބުނު ކޮވިޝީލްޑުގެ ސްޓޮކު ރާއްޖެއަށް ހަދިޔާކުރި ފަރާތަކީ ކޮބާކަން ހާމަކުރަން އެފަރާތުން ބޭނުން ނުވާ ކަމަށެވެ.

"ދުނިޔޭގެ ވެކްސިނޭޝަން ހާލަތު އޮތްގޮތުން, އަދި ބައެއް ބޭފުޅުން އެބޭފުޅުން ކުރައްވާ ކަންކަމާއި ޒާތީ މައުލޫމާތު ހާމަކުރަން ބޭނުންފުޅުނުވެ އެގޮތަށް ދެންނެވުމުން އެގޮތަށް މެއިންޓެއިންކޮށްފައި މިހާތަނަށްވެސް [އަޅުގަނޑުމެން] ހުންނާނީ. މީގެ ކުރިންވެސް މިފަދަ ވެކްސިން ޝިޕްމަންޓުތައް ރާއްޖެ އައިސްފައިވޭ. މިއީ ފުރަތަމަ ފަހަރެއް ނޫން," މަބްރޫކް ވިދާޅުވިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވި ގޮތުގައި ރާއްޖޭގެ މުޅި އާބާދީގެ 55.8 ޕަސަންޓު މީހުން ވެކްސިންގެ އެއް ޑޯޒު ޖަހާފައިވާ ކަމަށާއި, ދެ ޑޯޒް ޖެހި މީހުންގެ ނިސްބަތަކީ 35 ޕަސަންޓު ކަމަށެވެ.

comment ކޮމެންޓް