އެލްޖީއޭ ބޯޑަށް އައްޔަންކުރާ ނަންތައް މަޖިލީހަށް ފޮނުވައިފި

ޖޫން 2، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ލޯކަލް ގަވަރްމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުން އައްޔަން ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ނަންތައް މަޖިލީހަށް ފޮނުވައިފިއެވެ.

އެލްޖީއޭ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސް އޮފީހުން ހުޅުވާލާފައިވަނީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.

އެގޮތުން އެލްޖީއޭގެ ބޯޑަށް ތިން މެންބަރުން އައްޔަން ކުރުމަށްޓަކައި އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަދިން ބޭފުޅުންގެ ތެރެއިން ރައީސްއަށް ފެންނަވާ ބޭފުޅުންގެ ނަންތައް މިއަދު ވަނީ މަޖިލީހުގައި އިއްވާފައެވެ.

ރައީސް ފޮނުއްވި ނަންތައް؛

1. އަޒްހާ ޒަމީރު / މ. ލިލީޒް
2. އައިމިނަތު އަލީ / ދަފްތަރު 2864
3. ފާތުމަތު ނިއުމާ / ގ. ހިމާލިޔާގެ
4. ފާތިމަތު ޒީނާ އަލީ / ހ. ރައިޒިން ސަން
5. އައިޝަތު ޝީޒާ / ޝާޒީބިން ބ. ކެންދޫ

އެ ނަންތައް ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ އެކުލެވިގެން ވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް ހިމެނެން ޖެހެ އެވެ.

އޭގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ އެއް މެމްބަރަކާއި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ އެއް މެމްބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ އެއް މެމްބަރަކު ވެސް ހިމެނެން ޖެހޭނެ އެވެ.

އެލްޖީއޭގެ ބޯޑުގައި ދެން ހިމެނެންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވަނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ސީއީއޯ އެކެވެ

comment ކޮމެންޓް