ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ބީއެމްއެލްއިން ލޯނެއް ތައާރަފުކޮށްފި

ޖޫން 26، 2021: ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް، ފްލެޓްތައް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓް ލިބުނު ފަރާތްތަތަކަށް ފަސޭހަކާމާއެކު ފައިނޭނިންސިން ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްއިން އައު ލޯނަކާއި ފައިނޭންސިން ޕްރޮޑަކްޓެއް ތައާރަފްކޮށްފި އެވެ.

އަލަށް ތައާރަފްކުރި ހޯމް އިމްޕްރޫވްމަންޓް ލޯނުގެ ދަށުން އައު ފްލެޓްތަކުގެ ފިނިޝިން އަދި ފަރުނީޗަރު ބޭނުންތަކަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާއާ ހަމައަށް ބީއެމްއެލްއިން ލޯނު ދޫކުރާނެ އެވެ.

މި ލޯނަކީ ރަހުނަކާ ނުލައި ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށްވާ 12 ޕަސެންޓް އިންޓްރެސްޓްގައި ދޫކުރާ ލޯނެކެވެ. ލޯނު އަނބުރާ ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި މި ލޯނުގެ ދަށުން ދޫކުރާ އެންމެ ބޮޑު އަދަދު ކަމަށްވާ 150،000 ރުފިޔާ ނަގާ ފަރާތަތަކަށް މަހަކު ދައްކަން ޖެހެނީ 3،337 ރުފިޔާ އެވެ.

މި ލޯނާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ ޝަރުއީ ހަމަތަކަށް ފެތޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް ލިބޭނެ ކަމަށެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ތައާރަފް ކުރި ހޯމް އިމްޕްރޫވްމަންޓް ލޯނުގެ އިތުރުން ބޭންކުން ވަނީ ހޯމް އިމްޕްރޫމަންޓް ލޯން ޕްލަސްގެ ނަމުގައި އިތުރު ލޯނެއްވެސް ތައާރަފްކޮށްފަ އެެވެ.

މިއީ އަމިއްލަ ކުންފުނިތަކުގެ ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް އެތަނުގެ ފިނިޝިން މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ދޫކުރާ ލޯނެކެވެ. މި ލޯނުގެ ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާއާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށްވެސް ފަސް އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު ލޯނު ނަގަން އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭނެ އެވެެ. މި ލޯނުގެ ވެސް އިންޓްރެސްޓް ރޭޓަކީ 12 ޕަސެންޓެވެ. އަދި ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށްވެސް މި ލޯނާ އެއްގޮތް ފައިނޭންސިން ޕްރޮޑަކްޓެއް ވަނީ ތައާރަފްކޮށްފަ އެވެ.

comment ކޮމެންޓް