ބޮމުގެ ހަމަލާގައި ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ގަބޫލެއް ނުކުރަން: ނަޝީދު

'އާސްކް ސްޕީކާ'ގެ ދެވަނަ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ އަކީ ސަރުކާރުގެ ހިއްސާ އެއް އޮވެގެން ދިން ހަމަލާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ "އާސްކް ސްޕީކަރ" ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެ ހަމަލާގައި ސަރުކާރުގެ ކުޑަ ނަމަވެސް ބައިވެރި ވުން އޮތް ކަމަށް ގަބޫލު ފުޅު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ކުޑަކޮށް ވެސް ގަބޫލެއް ނުކުރާނަން ސަރުކާރުގެ ބައިވެރިވުން އޮވެގެނެއް ދެވުނު ހަމަލާއެއް ކަމަކަށް. ހުރިހާ ރައްޔިތުންނަށް ވެސް އެނގިވަޑައި ގަންނަވާނެ އަޅުގަނޑަކީ ވެސް ސަރުކާރު ކަން. އަޅުގަނޑުގެ ޕާޓީގެ ރައީސް، ރައީސް ކަމުގައި އެ ހުންނެވީ. އަދި އަޅުގަނޑުމެންގެ ޕާޓީގެ އަގުލަބިއްޔަތު މި އޮތީ މަޖިލީހުގައި،"

ނަޝީދު ވިދާޅުވީ އެއީ ސަރުކާރުން ބައިވެރި ވެގެން ދެވުނު ހަމަލާއެއް ކަމުގައި ގަބޫލު ކުރަން ވަރަށް އުނދަގޫ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، ބައެއް ފަރާތްތަކުން ވަނީ އެ ހަމަލާގައި ސަރުކާރުގެ އަތެއް ވާނެ ކަަމަށް ތުހުމަތު ކޮށްފަ އެވެ.

އަދި ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވެސް ވަނީ 'އިންސައިޑް ޖޮބެއް' ގޮތުގައި އެ ހަމަލާ ސިފަކޮށްފައެވެ.

ރައީސް ނަޝީދު ގެކޮޅުން ނިކުމެވަޑައިގެން ކާރަށް އަރުއްވަނިކޮށް ބޮމެއް ގޮއްވާލުމުގެ ސަބަބުން އެމަނިކުފާނުގެ ބޮލާއި މޭކަށިތަކާއި ފަޔަށް އަދި ބަނޑަށް ވެސް އެކިވަރުގެ އަނިޔާތައްވި އެވެ. އެކަމާ ހެދި ހޭނައްތައިގެން 16 ގަޑިއިރު ވަންދެން އެކި އޮޕަރޭޝަންތައް ކުރަން ޖެހުނެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށް ފަހު މެއި 13 ވަނަ ދުވަހު ޖަރުމަނަށް ފުރާ ވަޑައިގެން، ރައީސް ނަޝީދު ވަނީ ޖަރުމަނުގައި ވެސް ފަރިވާ ހޯއްދަވާފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން މައުލޫމާތު ހާމަކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ/ފޮޅޭމާ ތަހުމީން އަހުމަދު 32 އާއި ވ. ތިނަދޫ/ހިޔާ, އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އެ ހަތަަރު މީހުންގެ ބަންދަށް ފުލުހުން އެންމެ ފަހުން މުއްދަތު ޖަހާފައިވަނީ މިދިޔަ މެއި މަހުއެވެ.

އޭގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި މިދިޔަ މަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27އ) ގެ ބަންދަށް އިތުރު 15 ދުވަސް މިދިޔަ މަހުގެ 27 ވަނަ ދުވަހު ކޯޓުން ދީފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަވަނަ ދުވަހު ޓެރަރިސްޓު ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ދިރިއުޅޭ ގ. ކެނެރީގޭ ކައިރީގައި ހުރި ސައިކަލެއްގައި އީއައިޑީއެއް ގޮއްވާލައިގެންނެވެ.

comment ކޮމެންޓް