އޮޑިޓާ ޖެނެރަލް ކަމަށް ހުސެއިން ނިޔާޒީ އައްޔަން ކުރަން ކޮމެޓީން ފާސް ކޮށްފި

ހުސައިން ނިޔާޒީ: އޭނާ އޮޑިޓާ ޖެނެރަލް ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައި

ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް ގ. އައިފަ ހުސެއިން ނިޔާޒީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ހުސެއިން ނިޔާޒީ އެ މަގާމަށް އައްޔަން ކުރަން ފާސްކުރީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް ހުސެއިން ނިޔާޒީ އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމުންނެވެ.

އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމުގައި މިވަގުތު ހުންނެވި ހުސެއިން ނިޔާޒީ އަކީ އެ އޮފީހުގައި މަސައްކަތް ކުރައްވާތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ، ދާއިރާއިން ތަޖުރިބާ ހާސިލް ކުރައްވައިގެން ހުންނެވި އިލްމީ ބޭފުޅެކެވެ.

ކޮމެޓީގައި މިއަދު މެމްބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ނިޔާޒީ ވިދާޅުވީ ގާނޫނުގެ ކުރިމަތީގައި ވަކި ފަރާތަކަށް ބުރަނުވެ އޯޑިޓް ކުރުމުގެ ޒިންމާ އުފުލާނެކަމުގެ ފުރިހަމަ ޔަގީންކަން މެމްބަރުންނަށް ދެއްވާ ކަމަށެވެ.

comment ކޮމެންޓް