މަޝްހޫރު ފިލްމީ ތަރި މުހައްމަދު ޖުމައްޔިލް ނިމާލްގެ ފަރާތުން އުމުރުން 17 އަހަރުގައި ލިބުނު ޖިންސީ އަނިޔާގެ ވާހަކަ ކިޔައިދިންތާ އަހަރެއްވީއިރުވެސް އިންސާފު ލިބިފައިނުވާތީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި މީހާ ކަންބޮޑުވުންފާޅުކޮށްފި އެވެ.
އުމުރުން 17 އަހަރުގައި ޖުމައްޔިލްގެ ފަރާތުން ޖިންސީ ގޯނާގެ ޝިކާރައަކަށްވިކަމަށް ބުނާ އެ އަންހެން ކުއްޖާ އަށް މިހާރު ވަނީ 18 އަހަރު ފުރިފަ އެވެ. އެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ.
އެ މައްސަލައަށް އެއް އަހަރު ދުވަސް ވީއިރުވެސް އުންމީދުކުރި ގޮތާއި ހިލާފަށް އަދިވެސް އެއްވެސް އިންސާފެއް ލިބިފައިނުވާކަމަށް އެ އަންހެން މީހާ ވަނީ މިއަދު ސޯޝަލް މީޑިއާގައި ބުނެފައެވެ. އަދި އޭނާއަށް ގޯނާ ކުރި މީހާ އަދިވެސް ހުރީ މިނިވަނެއްގެ ގޮތުގައިކަމަށާއި އޭނާ ދަނީ ފިލްމުތަކުގައި އަދިވެސް ހަރަކާތްތެރިވެ އުފާވެރި ދިިރިއުޅުމެއް އުޅެމުންކަމަށް އެ އަންހެން މީހާ ސޯޝަލް މީޑިއާގައި ބުންޏެވެ.
ޖުމައްޔިލްގެ ފަރާތުން ލިބުނު އަނިޔާތަކުން އަދިވެސް އޭނާގެ ހަޔާތް އޮތީ އަނދިރިކަމެއްގައިކަމަށް އެ އަންހެން މީހާ ބުންޏެވެ. އަދި ރާއްޖޭގައި އޮންނަ ނިޒާމުން އަންހެނުނަށް އިންސާފު ލިބުމަށް އެހާ ދުވަސްވަނީ ކޮން މައްސަލައަކާހުރެތޯ އޭނާ ވަނީ ސުވާލުއުފައްދައިފައެވެ.
"އަހަރެމެންގެ ނިޒާމަކީ މަކުނު ވަލެއްކަހަލަ އެއްޗެއް. ބޮޑެތި މެހިތަކަށް ދެމިގަނެވޭ. ކުދި މެހިތައް ތާށިވާ،" އެ އަންހެން މީހާ ޓްވިޓާގައި ބުންޏެވެ.
އަންހެން މީހާ ބުނިގޮތުގައި އޭނާގެ ކަރާމާތަށް މަލާމާތްކޮށް ޖެއްސުންކުރިއިރުވެސް އޭނާ މަސައްކަތްކުރަމުންދިޔައީ އެތައް އަހަރުތަކެއް ވަންދެން އެ ވޭން ތަހައްމަލުކުރަން ޖެހުނީތީއެވެ.
އަދިއަދަށްވެސް އެ އަނިޔާއިން ސަލާމަތް ނުވެވޭކަމަށާއި އެންމެ މީހަކުވެސް އެމީހަކަށް ލިބެން ނުޖެހޭ ހިތާމައެއްގައިވާހާ ދުވަހަކު، ދުވަހަކުވެސް ރައްކާތެރިކަމެއް ނުލިބޭނެކަމަށް އެ އަންހެން މީހާ ބުންޏެވެ. އަދި އޭނާއަށް އިންސާފު ލިބެންޖެހޭކަން ގަބޫލުކުރާކަމަށްވެސް އެ އަންހެން މީހާ ބުންޏެވެ.
މީގެ ކުރިން އެ އަންހެން މީހާ ވަނީ ޖުމައްޔިލްގެ މައްސަލަ ނުބެލިގެން އުޅެނީ ނުފޫޒާ ހެދިގެންކަމަށްވެސް ތުހުމަތުކޮށްފައެވެ.
އެ އަންހެން މީހާ ވަނީ މިދިޔަ އަހަރު އޭނާ ސޯޝަލް މީޑިއާގައި ލިޔުނު ލިޔުންތަކުގައި ޖުމައްޔިލް އޭނާއަށް ޖިންސީ ގޯނާ ކުރިގޮތް ތަފްސީލުކޮށް ކިޔައިދީފައެވެ.
އަންހެން މީހާ ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަސްތެރޭގައެވެ. އަދި އޭރުވެސް މައްސަލަ ހުށަހެޅިކަމަށާއި އެހެންނަމަވެސް މައްސަލަ ބަލާފައި ނުވާކަމަށް އެ އަންހެން މީހާ ބުންޏެވެ.
އެ މައްސަލައިގައި އޭރުގެ ޕީޖީ އައިޝަތް ބިޝާމްގެ ބަހެއް ލިބޭ ގޮތެއް ވަނީ ނުވެފައެވެ. ޕީޖީ އޮފީހުން އޭގެ ފަހުން ވަނީ އެ މައްސަލައިގައި ޖުމައްޔިލްގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ކުރި ކަމަށް ބުނެފައެވެ. އަދި އިޖުރާއީ ބައެއް މައްސަލަތަކާ ހުރެ ކޯޓުން އެ މައްސަލަ ބޭރުކޮށްލީކަމަށް ޕީޖީއިން ބުންޏެވެ. ނަމަވެސް، ޖިންސީ ގޯނާގެ މައްސަލައިގައި ދައުވާ ނުކުރާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މީގެ ކުރިން "ސަން"އަށް ވިދާޅުވީ، އެ މައްސަލައިގައި މީގެ ކުރިން ދައުވާ ނުކުރާ ގޮތަށް ނިންމާފައި އޮތީ ހެކި ނެތިގެންނެވެ. އެހެންނަމަވެސް ޖުމައްޔިލްއަށް ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއުކޮށް، އޭނާގެ މައްޗަށް މިއަހަރުގެ ފެބްރުއަރީ މަސް ތެރޭ ވަނީ ދައުވާކޮށްފައެވެ.
އޭނާގެ މައްޗަށް ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާއެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން އެ މައްސަލާގައި ޝަރީއަތް ފައްޓާފައެއް ނުވެ އެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކާއެކު ގިނަ ފިލްމު ޕްރޮޑިއުސަރުން ޖުމައްޔިލްއާ އެކު އޮތް ގުޅުން ކަނޑާލިއެވެ. އޭގެ ތެރޭގައި ޑާކް ރެއިން އެންޓަޓެއިންމަންޓް އަދި އައި ފިލްމްސްވެސް ހިމެނެއެވެ. ޖުމައްޔިލް އަކީ އޭރު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އެއް ފިލްމީ ތަރިއެވެ.
ޖުމައްޔިލްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެން މީހާ ބުނާ ގޮތުގައި، އެ އަނިޔާގެ ސަބަބުން އޭނާއަށް އެތައް ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އެގޮތުން ޑިޕްރެޝަންއާއި އެންޒައިޓީއަށް ތެރަޕީވެސް ހޯދަން ޖެހުނު ކަމަށް ބުނެފައިވެއެވެ.